ހުސްނުއް ސުއޫދު

ސުއޫދު ސަސްޕެންޑްކޮށްފި

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އަނެއްކާވެސް ސަސްޕެންޑްކޮށްފި އެވެ. އޭނާ ސަސްޕެންޑްކޮށްފައިވަނީ ވީނިއުސްއަށް އިއްޔެ ދެއްވާފައިވާ އިންޓަވިއުއަކާއި ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

އިއްޔެ ވީނިއުސްއަށް ދެއްވި އިންޓަވިއުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ އިސްތިއުފާއަށް ގޮވާލައްވާފައިވެ އެވެ. އަމިއްލަފުޅަށް އެކެއް ފެބުރުއަރީގެ އަމުރުގައި ސޮއި ކުރެއްވުމަށްފަހު ފަހުން އެ އަމުރު ބާތިލް ކުރެއްވި ސަބަބު އުއްތަމަ ފަނޑިޔާރު ސާފުކޮށްދެއްވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ސުއޫދު އިއްޔެ ކުރެއްވި ޓްވީޓްގައި ވަނީ 2013 ވަނަ އަހަރުގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދުވަސް އިތުރުކޮށްފައިވަނީ ސުޕްރީމް ކޯޓުން ގާނޫނާ ހިލާފު ހުކުމެއް ނެރެގެން ކަމަށް ވިދާޅުވެފަ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނީ، އެ މައްސަލަ ބަލަމުންދާ ކަމަށާއި އެހެންވެ ސުއޫދު ކޯޓުތަކުގައި ވަކާލާތުކުރުން މިއަދު ފެށިގެން މަނާ ކުރާ ކަމަށެވެ.

މީގެކުރިން ވެސް ސުއޫދު ސަސްޕެންޑްކޮށްފައިވެ އެވެ. ސުއޫދުގެ ސަސްޕެންޝަން އެންމެފަހުން އުވާލީ އެކެއް ފެބުރުއަރީގެ އަމުރަށްފަހު އެވެ. އޭގެފަހުން ކުރިމިނަލް ކޯޓުން އެ ކޯޓަށް ނުވަދެވޭ ގޮތަށް ސުއޫދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.