ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫ، އިދިކޮޅު މަޖިލިސް މެންބަރުންނާ ބައްދަލު ކުރައްވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އިދިކޮޅު މަޖިލިސް މެންބަރުންނާ ބައްދަލު ކުރައްވައިފި އެވެ. ބައްދަލުވުން ކުރިއަށް ދިޔައީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގަ އެވެ.

ބައްދަލުވުމުގައި އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތި ޕާޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިބޫ އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ރޭ ކޯޓުން މިނިވަން ކުރި މެންބަރު އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާން އަދި މިއަދު ކުރިމިނަލް ކޯޓުން މިނިވަންކުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވެސް ބައިވެރިވެވަޑައިގަތެވެ.

ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންތައްތަކާ ގުޅޭ ގޮތުން އެއްވެސް މެންބަރަކު މީޑިއާއާ ވާހަކައެއް ނުދައްކަވަ އެވެ. އިބޫ ވެސް ބައްދަލުވުމަށް މީޑިއާއަށް މައުލޫމާތެއް ނުދެއްވި އެވެ.