ހަބަރު

އިބޫ ހުވާކުރުމުގެ ހަފުލާއަށް މޯދީއަށް ދައުވަތު ދެއްވައިފި

އިބްތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރައީސް ކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު އަރުވައިފި އެވެ.

މޯދީއަށް ރާއްޖެ ވަޑައިގަންނަން ދައުވަތު ދެއްވާފައިވާއިރު މޯދީ ވެސް ވަނީ އިބޫ އިންޑިއާ ވަޑައިގަތުމަށް ދައުވަތު ދެއްވާފަ އެވެ. އެ ދައުވަތު އިބޫއަށް މޯދީ ދެއްވީ، އިންތިހާބު ކާމިޔާބު ކުރެއްވުމުން މަރުހަބާ ދެންނެވުމަށް ކުރެއްވި ފޯނު ކޯލުގަ އެވެ.

މީގެކުރިން މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހުނެވެ. ރައީސް އަބްދުﷲ ޔާމީން ވެސް މޯދީއަށް އެކި ފަހަރު މަތިން ދައުވަތު ދެއްވި އެވެ. ނަމަވެސް، ސަރަހައްދުގެ އެހެން ހުރިހާ ގައުމަކަށް ވަޑައިގެންނެވިއިރު ވެސް މޯދީ ރާއްޖެ ވަޑައިނުގަންނަވަ އެވެ.

ރައީސް ޔާމީން، ޗައިނާއާ މާބޮޑަށް ގުޅުން ބަދަހިކޮށްފައިވުމަކީ އިންޑިއާ ރުހޭ ކަމެއް ނޫނެވެ. އޭގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމަށް ވަނީ ބުރޫ އަރާފަ އެވެ.

މޯދީގެ އިތުރުން އަވަށްޓެރި، ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައަށް ވެސް ވަނީ އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ދެއްވާފަ އެވެ. ރައީސް ކަމުގެ ހުވާ އިބޫ ކުރައްވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.