ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫގެ ޝުކުރު ސިފައިންނާއި ފުލުހުންނަށް

Sep 27, 2018

ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމަށް ފުލުހުންނާއި ސިފައިން ރޭ ހާމަކޮށްފައިވާތީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ޝުކުރު އަދާކުރައްވައިފި އެވެ.

ސިފައިންނާއި ފުލުހުން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ދަމަހައްޓާނެ ކަަމަށް ބުނީ އިންތިހާބު ބާތިލްކުރަން ނާކާމިޔާބުވެވަޑައިގެންނެވި، ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން މަސައްކަތްޕުޅު ކުރައްވާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ.

އިބޫގެ ތަރުޖަމާނު މާރިޔާ ދީދީ މިއަދު ވިދާޅުވީ، ރައްޔިތުންގެ ބާރާއި ރައްޔިތުންގެ ގައުމު އަދި މިލްކްވެރިކަން ދަމަހައްޓާނެ ކަމުގެ ކަށަވަރުކަން ސަލާމަތީ ބާރުތަކުން ރޭ ދިނުމަކީ އިބޫ ޝުކުރު އަދާ ކުރައްވާ ކަމެއް ކަމަށެވެ.

މާރިޔާ ވަނީ އިބޫގެ އިލްތިމާސްއެއް ވެސް މިއަދު ހާމަކުރައްވާފަ އެވެ. އިބޫ ވަނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާ އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ސަޕޯޓަރުން އެއްވެސް ހަމަނުޖެހުމަކަށް ހިތްވަރު ނުދިނުމަށް އެދިވަޑައިގެންފަ އެވެ.

އެގޮތަށް އިބޫ އިލްތިމާސްކުރެއްވީ، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރަށް މަރުގެ އިންޒާރު ލިބޭ ކަމަށް އޭނާ ވިދާޅުވެފައިވާތީ އެވެ.

މާރިޔާ ވިދާޅުވީ، އިދިކޮޅުގެ އެއްވެސް ސަޕޯޓަރެއް އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ނަމަވެސް އެގޮތަށް އިލްތިމާސް ކުރަނީ އެފަދަ އިންޒާރުތަކުގެ ވާހަކަތައް ސަރުކާރުގެ ބޭފުޅުން ދައްކަވާތީ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ވީހާވެސް އޮމާންކޮށް ވީހާވެސް އަމާންކޮށް ގެންދަން، އިބޫ އިލްތިމާސް ކުރައްވަނީ ހުރިހާ މީހުންނަށް ވެސް އިހްތިރާމްކޮށްގެން ކުރިއަށް ދިޔުމަށް،" މާރިޔާ ވިދާޅުވި އެވެ.