ހަބަރު

ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރުން މަޑުޖައްސާލަން އިބޫ އެދިވަޑައިގެންފި

ފަނޑިޔާރުންގެ މުސާރަ ރިވިއުކޮަށް ބޮޑު ކޮށްދިނުމަށް އެދި ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން މަޖިލީހަށް ހުށަހަޅާފައިވާ ހުށަހެޅުން މަޑުޖައްސާލުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އެދިވަޑައިގެންފި އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީ ޖަލްސާގެ އެޖެންޑާގައި ފަނޑިޔާރުންގެ މުސާރަ ރިވިއު ކޮށްދިނުމަށް އެދި ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ފޮނުވާފައިވާ ސިޓީއާމެދު މަޝްވަރާ ކުރުން އޮތެވެ. އެ ސިޓީ ފޮނުވާފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ހަވަނަ ދުވަހު އެވެ.

ކޮމިޓީ ބައްދަލުވުމުގައި އިބޫ ވިދާޅުވީ، މިހާރު އޮތީ ދައުލަތް ނުވަތަ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ކަމަށާއި ސަރުކާރު މުވައްޒަފުންގެ މުސާރަތައް ބޮޑު ކޮށް ނުވަތަ ކުޑަ ކުރުމަކީ މިވަގުތު އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"މަޖިލީހުގެ ކޮމިޓީއަށް މިހެން އަންނަ އެއްޗެހިވެސް ދެކެނީ ކޮމިޓީގައި އިހަށް މަޑުކޮށްލާފައި ބެހެއްޓުން، އެއީ މިއަންނަ އަހަރުގެ ބަޖެޓަށް މީގެ އަސަރު ކުރާނެ، އެއްވެސް ބަދަލެއް ނުގެނެސް ދިނުމަކީ އަޅުގަނޑުގެ އެދުމެއް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ސިވިލް ސާވަންޓުންނާއި އެހެނިހެން މުއައްސަސާތަކުގެ މުސާރަ ބޮޑު ކުރާ ވާހަކަ ބުނެފައިވާނެ ކަމަށާއި އެކަމަށް އޮނިގަނޑެއް އެކުލަވާލެވިގެންދާނެ ކަމަށެވެ. އަދި އޮނޑިގަނޑުގެ ތެރޭގައި އެކަން ކުރުމަށް ފުރުސަތު ދިނުމަށް އިބޫ އެދިވަޑައިގެންނެވި އެވެ.

އެކަމާ ގުޅިގެން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ، ފަނޑިޔާރުންގެ މުސާރަ އެދިފައިވާ ގޮތަށް އާ ސަރުކާރުން ބޮޑުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މި މައްސަލަަ ކުޑަ ކޮމިޓީއަށް ހުށަހަޅަން އެދޭ ކަމަށެވެ.

ރިޔާޒް ހުށަހެޅުއްވި ގޮތަށް ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ތާއީދުކޮށްފަ އެވެ.