ހަބަރު

އޮޑިޓަށް ބޭނުންވާނެ އެއްވެސް ލިޔުމެއް ނައްތާނުލަން ހަނދާންކޮށްދީފި

އޮޑިޓް ކުރުމަށް ބޭނުންވެދާނެ އެއްވެސް ލިޔެކިޔުމެއް ނޫނީ ހިސާބެއް ނަމަވެސް ނައްތާނުލުމަށް ދައުލަތުގެ އެންމެހާ އޮފީސްތަކަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އަންގައިފި އެވެ.

އެ އޮފީހުން މިއަދު ހުރިހާ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ، ދައުލަތުގެ މުއައްސަސާތަކުން ހިންގާފައިވާ އަދި ހިންގަމުން ގެންދާ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރާ ލިޔުންތަކާއި ހިސާބުތަކާއި ލިބޭ ލިޔުންތަކާއި ކުރާ މުއާމަލާތްތަކާ ގުޅޭ މެއިލް، މެމޯ، ޔައުމިއްޔާ ފަދަ ލިޔުން ތައް، އޮޑިޓް އޮފީހުގެ މަސައްކަތުގައި ބަލަން ޖެހިދާނެ ކަމަށެވެ. އެހެން ކަމުން އެފަދަ އެންމެހާ ލިޔުންތައް ރައްކާތެރިކޮށް ބެެލެހެއްޓުމަށް ހަނދާން ކޮށްދޭ ކަމަށް ވެސް ސާކިއުލާގައިވެ އެވެ.

ސާކިއުލާގައިވާ ގޮތުގައި، ލިޔުން ނުވަތަ ހިސާބު ނައްތާލަންޖެހޭ ފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ، އެކަމުގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަ ކުރުމަށްފަހު، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިޔުމުން ލިބިގެން ނޫނީ އެއްވެސް ލިޔުމެއް ނުވަތަ ހިސާބެއް ނައްތާލައިގެން ނުވާނެ އެވެ.

"ލިޔުންތައް ނުވަތަ ހިސާބުތައް ބެލެހެއްޓުމާއި ނައްތާލުމުގެ ޒިންމާ އަދާކުރަންޖެހޭ ފަރާތްތަކުން، އަމަލުކުރުމަށް ދައުލަތުން
ކަނޑައަޅުއްވާފައިވާ އުސާލުތަކާއި އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެކަމަށް އެފަރާތެއް ޖަވާބުދާރީ ވާންޖެހުމުގެ އިތުރުން، އެކަމުގެ ސަބަބުން މިއޮފީހުގެ މަސައްކަތަށް ދަތިތަކާއި ކުރިމަތިލާން ޖެހިދާނެތީ، އެއްވެސް ފަރާތަކުން އެފަދަ ކަމެއް ނުކުރެއްވުމަށް މިއޮފީހުން އިލްތިމާސް ކުރަމެވެ،" އޮޑިޓް އޮފީހުގެ ސާކިއުލާގައިވެ އެވެ.

ދައުލަތުގެ ބައެއް އިދާރާތަކާއި އޮފީސްތަކުގެ ލިޔެކިޔުންތައް ނައްތާލަން ކަމަށް ބުނާ ވާހަކަތަކެއް ވަނީ މިފަހުން އާންމުވެފަ އެވެ. އެފަދަ ކަމެއް ނުކުރުމަށް އިންތިހާބީ ރައީސް މުހައްމަދު ސޯލިހުގެ އޮފީހުން ވެސް ވަނީ ސަރުކާރުގެ އެންމެހާ މުވައްޒަފުންނަށް އިލްތިމާސްކޮށްފަ އެވެ.