ލައިފްސްޓައިލް

ތަފާތު މަހެއް ބޭނި، ދަރަބޫނދޫއަށް އުފާވެރިކަން!

މީގެކުރިން ނުފެންނަ ޒާތެއްގެ މަހެއް ފ. ދަރަނބޫދޫ ކައިރިން ބާނައިފި އެވެ. ރަށުގެ ޒުވާނަކު ބޭނި އެ މަސް މީގެކުރިން ދުށް އުމުުރުން ދުސްވީ މީހަކު ވެސް އެ ރަށަކު ނެތެވެ.

ދިގު މިނުގައި ހަ ފޫޓް ތިން އިންޗި ހުރި މި އަދާޔާ ހިލާފު މަސް މިއަދު ހަވީރު ބާނާފައިވަނީ އެ ރަށު، އިރުދޭމާގޭ އަހުމަދު ފަރުހާދެވެ. އޭނާ އެ މަސް ބޭނީ ވަދާ ގޮސް އުޅެމުން ރަށުގެ ކަނޑުއޮޅި ކައިރިންނެވެ.

ބޭނި މަހުގެ އަދާޔާ ހިލާފު ކަމުން އޭނާ އެންމެ ފުރަތަމަ ވެސް ރަށަށް ފައިބައިގެން ގޮސް މަސް އެންމެންނަށް ފެންނަ ގޮތަށް އެލުވި އެވެ. ރަށުގެ އެތައް ބަޔަކު މަހުގެ ފޮޓޯ ނަގައި، މަހުގެ މިން ބަލާ ހެދި އެވެ. ރަށުގެ އެންމެންނަށް ވެސް އެކަންވީ އަދާޔާ ހިލާފު ކަމަކަށެވެ.

"ހަވީރުން ފެށިގެން އިރޮއޮއްސެން ދެން މަސް އެލުވާފަ ބެހެއްޓިން، ވަރަށް ގިނަ މީހުން ނުކުމެ ފޮޓޯ ނެގި މަހުގެ،" ފަރުހާދު މިރޭ އަވަސްއަށް ކިޔައިދިނެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރުހާދަށް ވެސް އެފަދަ މަހެއް މީގެކުރިން ފެނިފައިނުވާއިރު އެ މަސް މިހާރު ވަނީ ތެލުލައިގެން ކައިފަ އެވެ. ފަރުހާދު ބުނި ގޮތުގައި މަހުގެ ރަހަ ވަރަށް މީރެވެ.

މީގެކުރިން އެ ރަށުގެ މީހަކަށް ފެނިފައިނުވާ އެ މަސް ބޭނުމުގެ ޝަރަފު ފަރުހާދަށް ލިބިފައިވާތީ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އެކަން އޭނާއަށްވީ ޝަރަފަކަށް އަދި ބޮޑު އުފާވެރިކަމަކަށެވެ.