ހަބަރު

ތިނަދޫގައި އަލަށް ހެދި އިސްލާމީ މަރުކަޒަށް ފެން ފައިބަނީ

މިފަހުން އަލަށް ހުޅުވި، ތިނަދޫ އިސްލާމީ މަރުކަޒުގެ ފުރާޅުން އެތެރެއަށް ފެން ފައިބައި، ބާލިދީ ބަހައްޓައިގެން ނަމާދުކުރަން ތިބެން ޖެހުމުން ރައްޔިތުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ތިނަދޫގެ އިސްލާމީ މަރުކަޒުގައި ނަމާދުކުރަން ފެށިތާ އަދި މި ވީ ދެތިން ހަފްތާއެވެ. އެތަން ހުޅުވީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދު ވިދާޅުވީ، ވާރޭ ވެހޭ ދުވަސްތަކުގައި މިސްކިތުގެ އެތެރެއަށް ފެން ފައިބާތީ ބާލިދީ ބަހައްޓަންޖެހޭ ކަމުގެ ޝަކުވާތަކެއް ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާކަމަށެވެ. އެހެން ނަމަވެސް އެކަމަށް އަދި ހައްލެއް ހޯދިފައިވާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ނޫން އެހެން ރަށެއްގައި އެޅި ފުރަތަމަ އިސްލާމީ މަރުކަޒު ހުޅުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް މިސްކިތާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ ކަން ފާހަގަކުރައްވައި އައްސަދު ވިދާޅުވީ، މީގެ ކުރިން މިސްކިތުގެ ގުއްބުގެ ދެ ދިމާލަކުން ފެން ފައިބާ ކަމުގެ ޝަކުވާތަކެއް ވެސް ލިބުނު ކަމަށެވެ. އެހެން ނަމަވެސް މިސްކިތުގެ އެތެރެއަށް ފެން ލީކުވާ ސީދާ ސަބަބު އަދި ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" ލަފާކުރެވެނީ ޝީޓު މައްޗަށް އެޅޭ ފެން ދައުރުވާނެ ރަނގަޅު މެކޭނިޒަމެއް ނެތުމުން އެ ފެން މިސްކިތުގެ އެތެރެއަށް ފައިބަނީ ކަމަށް. އަޅުގަނޑުމެންނަށް ވެސް ސީދާ ބުނާކަށް ނޭނގެ ކީއްވެގެން ކަމެއް ފެން ލީކުވަނީ،" އައްސަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިސްލާމީ މަރުކަޒުގެ މަސައްކަތް އެންމެ ފުރަތަމަ ފަށައިގަތްއިރު ސަރުކާރުން ކައުންސިލާ ގުޅިގެން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް މިސްކިތް ހަދަމުން ދިޔައިރު ފާހަގަކުރެވުނު މައްސަލައެއްގެ ވާހަކަ ދައްކައި އެތަނުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލީ ހިސާބުން ކައުންސިލުން ބޭނުން ވިޔަސް މަސައްކަތުގެ ސައިޓަށް ނުވަދެވޭތީ އެތަނުގެ މަސައްކަތް ފަހުން ކުރިއަށްދިޔަ ގޮތެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދޫގެ އިސްލާމީ މަރުކަޒު އިމާރާތްކޮށްފައިވަނީ ސަރުކާރު ބަޖެޓުންނާއި ސައުދީ އެހީއާ އެކު ޖުމްލަ 34.4 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.