އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމެއްގައި އަލުން ފްލެޓާއި ގޯއްޗަށް އެދެން ހުޅުވާލާނެ ކަމަށް އެމަނިކުފާނުގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިއަދު މާރިޔާ ދެއްވި ޕްރެސްއެއްގައި ވިދާޅުވީ، ރައްޔިތުންގެ ނަމުގައި ކަންކަން ކުރުމުގެ ގާނޫނީ ހަމައެއް މި ސަރުކާރަށް މިހާރު ލިބިގެން ނުވާ ކަމަށެވެ. އެހެންނަމަވެސް ފްލެޓް ދިނުން ފަދަ ކަންކަން ކުރާނަމަ އެއަށް ބޭނުންވެފައިތިބި ރައްޔިތުން އެ ހިދުމަތް ލިބިގަންނަން ދާނެކަން ގަބޫލުކުރެވޭ ކަމަށާއި، އެހެން ނަމަވެސް ގާނޫނާއި އުސޫލުތަކުން ބޭރުން މި ސަރުކާރުން ކުރާ ކަންކަން އެބޭފުޅުންގެ ވެރިކަމެއްގައި އަލުން ބެލުމަށްފަހު އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓާލާނެ ކަމަށެވެ.
މާރިޔާ ވިދާޅުވީ، އިބޫގެ ސަރުކާރު ރަސްމީކޮށް ފެށިގެން ދިއުމުން އަލުން ފްލެޓަށް އެދެން ހުޅުވާލާނެ އެވެ. އެކަމަށް އިންތިޒާރުކުރެއްވުމަށް ވެސް މާރިޔާ އެދިވަޑައިގަތެވެ.
އިބޫގެ ވެރިކަން އައުމުން ހުޅުވާލާނީ "ހިޔާ"ގެ ފްލެޓްތަކަށްތޯ ނޫނީ އަލަށް އަޅާ ފްލެޓްތަކަށްތޯ ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި މާރިޔާ ވިދާޅުވީ، މި ސަރުކާރުން ހުޅުވާލީ ހުސް ލޮނުގަނޑަކުން ފްލެޓް ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް އާ ސަރުކާރުން ފްލެޓަށް ހުޅުވާލައި، އެ ފްލެޓްތައް ދޭނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް ފުރަތަމަ ފްލެޓް ލިބޭނެ ގޮތަށް ވަރަށް ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށް ވެސް ވިދާޅުވި އެވެ.
"އެބޭފުޅުން އަޅުއްވާފައިހުރި ފްލެޓެއް ނެތް. އެބޭފުޅުން ކުރީގެ ސިއްރު ލިސްޓަށް ވެސް ބެއްސެވީ ހަމަ ކުރީގަ އެމްޑީޕީ ސަރުކާރުން އަޅާފައިވާ ފްލެޓްތައް. އެހެންވީމަ ފްލެޓެއް ނެތި އަނެއްހެން ލޮނުގަނޑެއް އެ ބައްސަވަމުންގެންދަވަނީ،" މާރިޔާ ވިދާޅުވި އެވެ.
މިސަރުކާރުން އުސޫލާ ހަމައިގެ ބޭރުން އެއްވެސް ކަމެއް ހިނގާފައިވާނަމަ އެކަން ދެން ކުރިއަށްގެންދަން ތަން ނުދޭނެ ކަމަށް ތަކުރާރުކޮށް މާރިޔާ މިއަދު ވިދާޅުވި އެވެ.
"ރައްޔިތުންގެ ނަމުގައި ކަންކަން ކުރުމުގެ ލެޖިޓިމަސީއެއް މިހާރުގެ ސަރުކާރަށް ނެތް. އެހެންނަމަވެސް މިހާރުވެސް މި އަޑުއިވެނީ، ފްލެޓްތަކަށް ފޯމް ދޫކުރާ ވާހަކައާއި ފޯމް ބަލައިގަންނަވާހަކައާއި ލިޔުންތައް ނައްތާލާވާހަކައާއި މުސާރައިގެ އޮނިގަނޑަށް ބަދަލުގެންނަ ވާހަކައާ މީހުންނަށް ވަޒީފާ ދޭ ވާހަކައާއި ވަޒީފާއިން ވަކިކުރާ ވާހަކައާއި އަދި ބައެއް ކަންކަން ބެކްޑޭޓްކޮށްފަ ކަންކަން ކުރާ ވާހަކަ... މިއީ ވަރަށް ކަންބޮޑުވާ ކަމެއް. މިގޮތަށް ކަން ނުކުރުމަށް ދަންނަވަން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރުގައި ކުރިއަށްގެންދިޔަ ވެށިފަހި މާލެ މަޝްރޫއު ކުރިއަށްގެންދަން ވެސް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ. އެހެން ނަމަވެސް އެއީ ހަމައެކަނި މާލެއަށް ހާއްސަ ޕްރޮޖެކްޓަކަށް ވާތީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ވެސް ފްލެޓަށް ހުޅުވާލާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.