12 މެންބަރުންގެ މައްސަލަ

ރައްޔިތުންގެ ހައްގުގައި ގޮނޑީގެ ހުކުމް އެންމެ އަވަސްކޮށްދެއްވާ: ސައުދު

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ގޮނޑިއާމެދު އުފެދިފައިވާ ދެބަސްވުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވީއެންމެ އަވަހަކަށް ގޮތެއް ނިންމަވައިދެއްވުމަށް ސައުދު ހުސެއިން އެދިވަޑައިގެންފި އެވެ.

އިލެކްޝަން ކޮމިޝަނުން ސައުދު، ވިލިނގިލީ ދާއިރާގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ. އެ މައްސަލަ ޖުލައި 20 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އަދި އެ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ދިގު އަޑުއެހުންތަކެއް ކުރިއަށް ގެންގޮސް، ހުކުމާ ހަމައަށް ދިޔަ އެވެ.

ސްޕްރީމް ކޯޓަށް ސައުދު ވަޑައިގެން ގޮނޑި ނުގެއްލޭ ކަމުގެ ގާނޫނީ ސަބަބުތައް ބަޔާންކުރި އެވެ. ހަމައެހެން، އިލެކްޝަން ކޮމިޝަން ތަމްސީލް ކުރަމުންދިޔަ ބަންޑާރަ ނައިބު އޮފީހުގެ ވަކީލުން ގެންދެވެނީ ގޮނޑި ގެއްލިފައިވާ ކަމަށް ވިދާޅުވަމުންނެވެ. ގޮނޑި ގެއްލިފައިވާ ކަމަށް ބަންޑާރަ ނައިބުގެ ފަރާތުން ބުނަނީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިޔާއަތްކޮށެވެ. އެ ހުކުމް ނެރުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.

އެ ހުކުމްގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނޫނީ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. ސައުދު އެންމެ ފުރަތަމަ ޕީޕީއެމްއިން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް ސައުދުގެ އެ ސުލޫކީ ފިޔަވަޅު އަލުން ޕީޕީއެމްއިން ވަނީ މަސްތަކެއް ފަހުން މުރާޖައާކޮށްފަ އެވެ. ޕާޓީއިން ވަކިކޮށް ނުދީގެން ސައުދު ޖުލައި 10 ވަނަ ދުވަހު އިލެކްޝަން ކޮމިޝަނަށް ސިޓީއެއް ވެސް ހުށަހެޅި އެވެ.

މައްސަލާގެ އަޑުއެހުންތައް ނިންމާލައި ހުކުމަށް ތައްޔާރުވެފައިވަނިކޮށް ސުޕްރީމް ކޯޓުން އެ މައްސަލަތަކުގެ އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ބުނެ އަމުރެއް ނެރުނެވެ. އެ އަމުރުން އެ ބޭފުޅުން ގޮނޑި ގެއްލިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

ނަމަވެސް، އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި އެވެ. އެ އަމުރު ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަމުރުގެ އެ ބައި ސަސްޕެންޑްކުރި އެވެ. އަދި ބާތިލްކުރަން ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ސައުދު އަދި އޭނާއާއެކު މައްސަލަ ކޯޓަށް ހުށަހެޅުއްވި އަނެއް ތިން މެންބަރުންގެ މައްސަލާގައި ހުކުމެއް ކުރަންޖެހޭ ކަމެވެ. އެއީ ސުޕްރީމް ކޯޓުގެ ހުކުމަކުން ނިންމަންޖެހޭ ފަދަ މައްސަލަތަކެއް ކަމަށެވެ.

އެގޮތުން މިއަދު ބޭއްވި ސައުދުގެ މައްސަލާގެ އަޑުއެހުމުގައި ފުލް ބެންޗުން ބައްލަވާ އެ މައްސަލާގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަޑުއެހުމަކީ އިޖުރާއަތު ފުރިހަމަކުރަން ބާއްވާ އަޑުއެހުމެއް ކަމަށެވެ. މީގެކުރިން މައްސަލާގައި ދައްކާފައިވާ ހުރިހާ ވާހަކައަކަށް ހުކުމް ކުރުމުގައި ރިޔާއަތް ކުރައްވާނެ ކަމަށެވެ. އެހެންވެ، އިތުރު ވާހަކައެއް ދައްކަން އޮތްނަމަ އެކަމަށް ފުރުސަތު ދެއްވި އެވެ.

އެ ފުރުސަތުގައި ސައުދުގެ ވަކީލް އަލީ ޝާހު ވަނީ މީގެކުރީގެ އަޑުއެހުމުގައި ވެސް ފާހަގަކޮށްފައިވާ ބައެއް ކަންކަން އަލުން ފާހަގަކުރައްވާފަ އެވެ. އެގޮތުން ސައުދު ޕީޕީއެމްއިން ވަކިކޮށްފައިވަނީ ފްލޯ ކްރޮސިންގެ ހުކުމަށްވުރެ މާ ކުރިންކަން ކަމަށް ވިދާޅުވި އެވެ. އަދި ސުލޫކީ ފިޔަވަޅު އަޅައި ޕާޓީއިން ވަކިކޮށް އަނެއްކާ އަލުން ޕާޓީއިން އިސްނަގައިގެން އެ މައްސަލަ މުރާޖައާ ކުރެވޭނެ އަސާސެއް ޕާޓީގެ އަސާސީ ގަވައިދުގައި ނެތް ކަމަށެވެ.

އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ވަކީލް ވިދާޅުވީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އަޅާފައިވަނީ ސައްހަ ސުލޫކީ ފިޔަވަޅެއް ކަމެއް ޕީޕީއެމްއިން ކަށަވަރުކޮށްދީފައިނުވާ ކަމަށެވެ. ސައުދު، އިލެކްޝަން ކޮމިޝަނަށް 10 ޖުލައިގައި ސިޓީ ފޮނުވުމުން 12 ޖުލައިގައި ޕީޕީއެމްއަށް އިލެކްޝަން ކޮމިޝަނުން ސިޓީއެއް ފޮނުވައި އެކަން އޮޅުންފިލުވި ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވީ އެ ސިޓީގެ ޖަވާބުގައި ޕީޕީއެމްއިން އެންގީ ސައުދުގެ އެ މައްސަލަ އިސްތިއުނާފު މަރުހަލާގައިވާކަން ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލް މައާޝާ ލުތުފީ ވިދާޅުވީ، ޕާޓީއަކުން މީހަކު ވަކިވުން ކަމަށް ބެލެވޭނީ އޭނާގެ ނަން އިލެކްޝަން ކޮމިޝަނުގައިވާ ދަފުތަރުން އުނިކުރުމުން ކަމަށެވެ. ސައުދުގެ ނަން ޕީޕީއެމްގެ ދަފުތަރުން އުނި ކުރީ 18 ޖުލައިގައި ކަމަށާއި އޭގެ ކުރިން ސައުދު މަޖިލީހުގައި ވެސް ރަޖިސްޓްރީވެފައި އޮތީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ.

ސައުދު ވެސް މިއަދު ވަނީ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ، ވިލިނގިލީ ދާއިރާ ރައްޔިތުންގެ އަޑެއް ނެތި މަޖިލީހުގައި މުހިންމު މަސައްކަތަކެއް ނިންމަމުންދާ ކަމަށާއި މައްސަލާގައި ގޮތެއް ނުނިމި ހިނގާ ކޮންމެ ދުވަހަކީ ރައްޔިތުންގެ ހައްގު ގެއްލިގެންދާ ދުވަހެއް ކަމަށެވެ. އެހެންވެ އެ މައްސަލާގައި ވީއެންމެ އަވަހަކަށް ސުޕްރީމް ކޯޓުން ގާނޫނީ ފަރުވާއެއް ހޯދައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެކުރިން މި މައްސަލަ ބެއްލެވީ ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗުންނެވެ. އެއީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހިމެނިވަޑައިގަންނަވާ ބެންޗެވެ. ނަމަވެސް އެ ދެ ބޭފުޅުން ވަކިކޮށް މިހާރު ބެންޗަށް ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރައްވާފަ އެވެ.