ހަބަރު

ސީޕީ ބަދަލުކުރުމަށް ފަހު ޕީޕީއެމްއިން މަގުތަކަށް މީހުން ނެރެނީ

Oct 1, 2018
11

ވޯޓްގެ ނަތީޖާ ގަބޫލުނުކުރަން އެކި އުޒުރުތައް ދެއްކުމަށް ޕީޕީއެމްގެ ސަޕޯޓަރުން މާލޭގެ މަގުތަކަށް ނިކުތުމަށް އެ ޕާޓީގެ އިސްވެރިން ގޮވާލަން ފަށައިފި އެވެ. ޕީޕީއެމްގެ އިސްވެރިން އެގޮތަށް ގޮވާލިއިރު، ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގެ ތެރެއިން ޕޮލިސް ކޮމިޝަނަރަކަށް، އޭސީޕީ ހަމްދޫން ރަޝީީދު ރައީސް މިއަދު ވަނީ ހަމަޖައްސަވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހުމަދު ޝަރީފް އޭނާގެ ރަހުމަތްތެރިޔަކާ އެކު ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެއް ޕީޕީއެމްގެ އިސްވެރިން މިރޭ ވަނީ ސޯޝަލް މީޑިއާގައި ދައުރުކޮށްފަ އެވެ. އަދި މިއަދު ދެ ފަހަރެއްގެ މަތިން ޕީޕީއެމްގެ އެކި މަޖިލިސް މެންބަރުން ޕްރެސްއެއް ދެއްވައި އީސީގެ ވެރިންގެ މައްޗަށް އެކި ތުހުމަތުތައް ކުރެއްވި އެވެ. އެ އޯޑިއޯ އާންމުވީ ވެސް އެއަށް ފަހު އެވެ.

ވޯޓްގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ބުނެ، ޕީޕީއެމްގެ ސަޕޯޓަރުން މުޒާހަރާއަށް ނުކުތުމަށް އަޑުއުފުލަމުން ދަނީ މިރޭ 9:00 އަށް ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަ ކުރިމައްޗަށް އެއްވުމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން މީގެ ކުރިން ތަކުރާރުކޮށް އެކި ފަހަރު ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރާ ކަމަށާއި އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ލީކުވެފައިވާ އޯޑިއޯގައި ޝަރީފް ވިދާޅުވަނީ، މިވަގުތުގައި ރައީސް ބޭނުންފުޅު ވަނީ ކޮންމެ ގޮތެއް ހަދައިގެން ވެސް ކޮންމެ މީހަކު ގުރުބާން ކޮށްގެން، ވިޔަސް މީތި "ދުއްވާލަން" ކަމަށެވެ. އަދި ފޯނުން ވާހަކަ ދައްކާ މީހާއަށް ޝަރީފް ނަސޭހަތްތެރިވަނީ އެއްވެސް ކަމަކަށް އެއްބަސް ކުރުވަން އުޅުނަސް އެކަން ނުކުރުމަށެވެ. ޝަރީފް ވިދާޅުވީ އެ އޯޑިއޯއަކީ އޭނާ މީހަކާ އެކު ވާހަކަ ދެއްކި ފޯން ކޯލްގެ ތަންތަންކޮޅު ނަގައިގެން ހަދާފައިވާ އޯޑިއޯއެއް ކަމަށެވެ.

އެ އޯޑިއޯ އާންމު ވުމާ އެކު އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރުން މަސައްކަތް ކުރަނީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އިންތިހާބުގެ ނަތީޖާ ބާތިލް ކުރުމަށް ކަމަށެވެ. އަދި ސްޓޭޓް އޮފް އެމެޖެންސީއެއް އިއުލާންކޮށް އީސީގެ މެންބަރުންގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް އެ މީހުން ހައްޔަރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް ދަނީ އަޑުފެތުރެމުން އެވެ.

އެހެން ނަމަވެސް، އީސީއިން ވެސް އަދި އިންތިހާބު މޮނީޓާކުރި ފަރާތްތަކުން ވެސް ބުނެފައި ވަނީ އިންތިހާބުގެ ތެރޭގައި ބޮޑު ޝަކުވާއެއް ނެތް ކަމަށާއި އިންތިހާބުގެ ކަންކަން ދިޔައީ ވަރަށް އަމާން އޮމާންކޮށް ކަމަށެވެ. އަދި އިންތިހާބުގެ ދާއިމީ ނަތީޖާ ހޮނިހިރު ދުވަހު އިއުލާން ކުރި އިރު ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި އިންތިހާބުގެ ނަތީޖާއަށް ބަދަލެއް އަންނާނެ ފަދަ ޝަކުވާއެއް ނެތް ކަމަށް ވެސް އީސީއިން ވަނީ ބުނެފަ އެވެ.