ހަބަރު

ބްރިޖް މަތީގައި ކާރު އެކްސިޑެންޓެއް: ސަލާމަތްވީ ކިރިޔާ

ސިނަމާލެ ބްރިޖް މަތިން ދުއްވާފައިދިޔަ ކާރަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. މި ހާދިސާގައި ކާރު ދުއްވަން އިން މީހާއަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާ ވެފައެވެ. އޭނާގެ ހާލު ރަނގަޅެވެ.

ރޭ 1:36 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މި އެކްސިޑެންޓް ހިނގީ، ހުޅުލެ ލައިޓް ކައިރިން އަޅާފައި ދިޔަ ޕިކަޕެއްގައި ފަހަތުން ދުއްވާފައި އައި ކާރު ބާރަށް ޖެހިގެންނެވެ. ޖެހުނުލެއް ބާރުކަމުން ކާރުގެ ކުރީކޮޅު އޮތީ ޕިކަޕްގެ ދަށުވެ މުޅިން ފުނޑުފުނޑު ވެފަ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވި ފުލުހުންގެ އޮފިސަރަކު ވިދާޅުވީ، ވަރަށް ނުރައްކާތެރި ގޮތަކަށް ހިނގި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް މާ ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށެވެ. އެހެން ނަމަވެސް ކާރު ދުއްވަން އިން މީހާ އަށް ކުދި ކުދި އަނިޔާތަކެއް ވެފައި ހުރިކަމަށާއި އެހެން ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

ސިނަމާލެ ބްރިޖް ހުޅުވިތާ ދެމަސް ވީ އިރު އެތަނުގައި ގިނަ އެކްސިޑެންޓްތަކެއް ވަނީ ހިނގާފަ އެވެ. ދުއްވާއިރު އަމިއްލަ ރައްކާތެރިކަން މުހިއްމު ވަނީ ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށްޓަކައެވެ. ފުލުހުން ވެސް ވަނީ ބްރިޖް މަތީގައި
ދުއްވާއިރު ސްޕީޑް ވަކި ވަރެއްގައި ހިފެހެއްޓުމަށާއި ދެ އުޅަނދު ދެމެދުގައި އެކަށީގެންވާ ދުރުމިން ބަހައްޓައިގެން ދުއްވަން އިލްތިމާސްކޮށްފަ އެވެ.