ސިވިލް ކޯޓް

އަމީންގެ ފްލެޓްތަކާމެދު ހިތްހަމަ ނުޖެހިގެން ކޯޓަށް

އަމީން ކޮންސްޓްރަކްޝަންގެ އެވެނިއު ފްލެޓްތަކުގެ ފެންވަރު ދަށް ކަމަށް ބުނެ ސިވިލް ކޯޓުގައި ބަދަލު ހޯދަން ދައުވާކޮށްފި އެވެ.

ދައުވާކުރި މީހުންގެ ވަކީލް ނާޒިމް އަބްދުލްސައްތާރު ވިދާޅުވި ގޮތުގައި، އަމީން ކޮންސްޓްރަކްޝަނާ ދެކޮޅަށް ދައުވާކޮށްފައިވަނީ ފްލެޓް ގަތް 10 މީހުންނެވެ. އެ އެންމެން ވެސް އެދެނީ ބަދަލުގެ ގޮތުގައި 2.3 މިލިއަން ރުފިޔާއަށްވުރެ މަތިން ބަދަލު ނަގައިދިނުމަށެވެ.

އެމީހުން އަމީންއާ ދެކޮޅަށް ކޮށްފައިވާ ދައުވާގައިވާ ގޮތުން ހުޅުމާލޭ އަމީން އެވެނިއުގެ ބޮލްކް ތިނެއްގެ އެޕާޓްމަންޓްތައް ދައުވާކުރާ ފަރާތްތަކުން ގަނެ، އެއްބަސްވުމުގައިވާ ގޮތުން އަގު އަދާކޮށްފައިވާއިރު، އެއްބަސްވުމާ
އެއްގޮތަށް ތަން ހަވާލުކޮށްފައިނުވާ ކަމަށެވެ.

އެހެންވެ ލިބެންޖެހޭ ޖޫރިމަނާގެ ފައިސާ ވެސް އެއްފަހަރާ ހޯދައިދިނުމަށް މައްސަލާގައި އެދިފައިވެ އެވެ. އެޕާޓަންމަންޓުގެ ޑިފެކްޓްތައް، އެއްބަސްވުމުގައިވާ މިންގަނޑަށް ނިންމާފައިނުވާތީ އެޕާޓްމަންޓްގައި ނޫޅެވޭތީ އެހެން ބަޔަކަށް
ކުއްޔަށް ނުދެވޭތީ، ލިބުނު ގެއްލުމުގެ ބަދަލު އެކީ އެއްފަހަރާ ލިބިގަތުމަށް ވެސް އެދިފައިވެ އެވެ.

އަމީން އެވެނިއުއަކީ އެ ކޮންސްޓަރަކްޝަނުން ހެދި އެންމެ ބޮޑު އިމާރާތެވެ. އިމާރާތުގެ ފްލެޓްތައް އުޅެނީ ދެ މިލިއަނާއި އަށް މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.