ގާސިމް އިބްރާހިމް

ގާސިމް، ރައީސްއަށް: "ބަޑިބަޑި" ލެއްވިޔަސް ވާނެ ކަމެއް ނެތް!

އަހަރަކަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން، ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް، ރައީސް އަބްދުﷲ ޔާމީންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. ގާސިމް ވިދާޅުވީ، "ބަޑިބަޑި" ލެއްވިޔަސް ދެން ވާނެ ކަމެއް ނެތް ކަމަށެވެ.

ގާސިމް މަރުހަބާ ދެންނެވުމަށް ކުނޫޒަށް ދިޔަ ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޮއިވަރާއި ރާގާއި މޫސުން މިހާރު ބަދަލުވެފައިވާ ކަމަށެވެ. އެ ބަދަލު ގެނައީ ވިސްނުންތެރި ދިވެހި ރައްޔިތުން ކަމަށެވެ.

"އެކަން އެ ބޭފުޅުން ނިންމީމަ، ފަހު ބަސް ނިންމާނީ ރައްޔިތުން، އެ ނިންމުން ނިންމީމަ އޭގެ ފަހަތުން ބަޑިބަޑި ޖަހަން އުޅުނަސް ވާނެ ކަމެއް ނޯންނާނެ، ތެޅުނު ވަރަކަށް ދާނީ ހުޅުނބު، ތެޅުނު ވަރަކަށް ދާނީ ހުޅުނބު އިނގޭތޯ، އެހެން ދަމުން ދަމުން ގޮސް ހުސްވާނީ، ކުރާނެ ކަމެއް ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ އެއްވެސް ރައްޔިތަކު މާޔޫސް ނުވުމަށް ގޮވާލައްވާފަ އެވެ. ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުން ދެން ވެސް ދާނީ ކުރިއަށް ކަމަށެވެ. ކަމެއް އިސްލާހުކުރަން ނުކުމެ ތިބި މީހުން ތިބެންޖެހޭނީ ގާނޫނީ އިމުގެ ތެރޭގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

"ގޯސްކޮށް އުޅޭ މީހާ ރަނގަޅު ކުރަން ނުކުންނަ މީހާ އެއަށްވުރެ ގޯސްކޮށް އަމަލުކޮށްގެން ރަނގަޅެއް ނުވާނެ ދެއްތޯ، އެހެންވީމަ ގާނޫނީ އިމުގެ ތެރެއިން ގޮސް ކަން ކުރެވޭނީ، އަޅުގަނޑަށް ޔަގީން ކުރެވޭނެކަން،" ގާސިމް ވިދާޅުވި އެވެ.

އަނިޔާވެރިކަމާއި ބޭއިންސާފާއި ފަސާދަ ދިވެހިން ބަަލައިނުގަންނަ ކަމަށާއި ރިޔާސީ އިންތިހާބުގައި ރައްޔިތުން ނޫނެކޭ ބުނި އެކަމަށް ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ރައްޔިތުން އަދަބު ދީފި ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް ރައްޔިތުން އަދަބެއް ނުދޭ ކަމަށެވެ. ރައްޔިތުންނަށް އެމަނިކުފާނުގެ އަމަލުތައް ގޯސްވީ ކަމަށެވެ.

"ވެރިކަމުގައި ހުންނަ މީހާ ގައުމަށް ކޮށްދޭ ކަމަކީ އޭނާ ހެޔޮ ކަމަކުން ކޮށްދޭ ކަމެއް ނޫނޭ، އެކަމަށް ކުރުމަށްޓަކައި އޭނާއަށާއި އަނބިދަރިންނަށް އެތައް ބައިވަރު ސެކިއުރިޓީއެއް ދީފަ ބައިތިއްބަނީ، ރައްޔިތުންނަށް އެ ހިދުމަތް ދިނުމަށް ހޮވާފަ ބަހައްޓަނީ، އެހެންވީމަ އިންތިހާބުން ނުހޮވުނީމަ ޝަކުވާ ކުރާކަށް ނުޖެހޭ، އެއީ ގޯސްކޮށް ކަންކަން ކުރެވުނީމަ ވާގޮތް،" ގާސިމް ވިދާޅުވި އެވެ.

"ވަރަށް ވިޔާނުދާކޮށް ކަންކަން ކުރީމަ އެހެންވީ، ވަރަށް އަނިޔާވެރިކޮށް ކަންކަން ކުރީމަ އެހެންވީ، ވަރަށް ގޯސްކޮށް ކަންކަން ކުރީމަ އެހެންވީ،"

ގާސިމް ވިދާޅުވީ ރައީސް ޔާމީން ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ ކަމަށް ވިދާޅުވާއިރު އެ މަޝްރޫއުތައް ހިންގާފައިވަނީ ނުއަގުގައި ކަމަށެވެ. ރައްޔިތުންގެ ބޮލުގައި ބޮޑެތި ދަރަނިތައް އެޅޭ ގޮތަށް މަޝްރޫއުތައް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެކުރިން ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވާފައިވާ ގާސިމް އިބްރާހިމް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ހުވާ ކުރައްވާނެ ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުން ހުވާ ކުރުން 17 ވަނަ ދުވަހަށް ބަދަލުކުރަން ނުޖެހޭ ކަމަށެވެ.