ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަމީލު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

އަމިއްލައަށް އަރުވާލެއްވިގެން އުޅުއްވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދުު މާދަމާ ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ޖަމީލު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރަން މަސައްކަތް ފެށުމުން 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން ރާއްޖެ ވަޑައިގެންފައިނުވާއިރު ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައި ޖަމީލަށް ތުހުމަތުކޮށް އޭނާ ހޯދުމަށް ފުލުހުން އިއުލާން ކުރި އެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ވަނީ އިނގިރޭސިވިލާތަށް ވަޑައިގެން ފަހުން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ސަރުކާރާ ދެކޮޅަށް ބޭރުގެ ފަރާތްތަކާ ބައްދަލު ކުރައްވައި މަސައްކަތް ވެސް ކުރައްވާފައިވެ އެވެ.

ސަރުކާރާ ދެކޮޅަށް އުފެއްދި ފުރަތަމަ ކޯލިޝަން ކަމަށްވާ، ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރަކީ ވެސް ޖަމީލެވެ. ޖަމީލް ވަނީ ކުރީގައި ވާދެވެރި، ރައީސް މުހައްމަދު ނަޝީދާ ގާތް ގުޅުމެއް ވެސް އުފައްދަވާފަ އެވެ.

ޖަމީލު މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު އިއްޔެ ވަނީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި އެ ޕާޓީގެ ރައީސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފަ އެވެ. އަލީ ވަހީދާއި ޖަމީލަކީ ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންވެސްމެއެވެ.