އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެ ގައުމުގެ ސަރުކާރުން ދައުވަތު އަރުވައިފި އެވެ.
ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަން ލިޖޮންގްއާ އިބޫގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތާ ގުޅޭ ގޮތުން، އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެމްބެސެޑަރު އިބޫއަށް ދައުވަތު ދެއްވީ އެ ބައްދަލު ކުރެއްވުމުގެ ތެރެއިން ކަމަށެވެ.
އެ ބައްދަލުވުމުގައި ދެބޭފުޅުން ދެން މަޝްވަރާ ކުރެއްވީ އިބޫގެ ވެރިކަމެއްގައި ވެސް ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން ކަމަށް ބަޔާނުގައިވެ އެވެ. ބަޔާނުގައި ބުނީ، ރާއްޖޭގެ ތަރައްގީގައި
ޗައިނާއިން ބައިވެރިވާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސްއަށް ސަފީރު ދެއްވި ކަމަށެވެ. އެގޮތުން . ހާއްސަކޮށް ގެދޮރުބިނާކުރުމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ސްޓޭޓްމަންޓްގައިވެ އެވެ. މީގެ އިތުރުން ވެސް އިބޫގެ ސަރުކާރެއްގައި ވެސް ޗައިނާގެ އެހީތައް ރާއްޖެއަށް ދަމަހައްޓާނެ ކަމުގެ ޔަގީންކަން އެމްބެސެޑަރު ވަނީ ދެއްވައިފަ އެވެ.
ސަފީރުންނާއި އެކި ގައުމުތަކުގެ މަންދޫބުން އިންތިހާބީ ރައީސްގެ އަރިހަށް ގެންދަވަނީ އިހުތިރާމްގެ ޒިޔާރަތްތައް ކުރައްވަމުން އެވެ. ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާވެސް ވަނީ މިދިޔަ ހަފްތާ އިބޫގެ އަރިހަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި ރާއްޖޭގައި ހުންނަ އދގެ މިޝަންގެ ރެސިޑެންސް ކޯޑިނޭޓަރު ސޮކޮނޯޑާ ވެސް ވަނީ އިބޫއާ ބައްދަލު ކުރައްވައިފަ އެވެ. މީގެ އިތުރުން އިންޑިއާ، އެމެރިކާ، ސައުދީ އަދި ސްރީލަންކާގެ ވެރިން އިބޫއަށް ފޯނުން ގުޅުއްވައި ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އާންމުންނަށް ވަދެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ރަސްމީ ބޯޅަދަނޑުގަ އެވެ. އެ ހަފްލާއަށް ގައުމުތަކުގެ ވެރިންނާއި އިއްޒަތްތެރިންނަށް އަންނަނީ ދައުވަތު ފޮނުވަމުން އެވެ.