ހަބަރު

އައްޑޫގައި ޒުވާނަކު ޒަހަމްކޮށްލި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފި

Oct 7, 2018

އައްޑޫ ސިޓީ މަރަދޫގައި ޒުވާނަކަށް ވަޅިން ހަމަލާދިން މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އައްޑޫގައި ރޭ ހިނގި މާރަމާރީއާ ގުޅިގެން 17 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރު ކުރީ ފިލައިގެން ހުޅުމީދޫއަށް ގޮސް އުޅެނިކޮށް ކަމަށެވެ.

މިރޭ އިތުރު ފަސް މީހަކު ފުލުހުން ވަނީ ހޯދައިފަ އެވެ. އެގޮތުން އުމުރުން 17، 18، 20، 21 އަދި 22 އަހަރުގެ މީހުން ހައްޔަރުކޮށްފައި ވަނީ ފޭދޫގެ ގެއެއްގައި ފިލާ ތިއްބާ ކަމަށް ފުލުހުން ބުންޏެވެ.

ދެ ގްރޫޕެއްގެ ދެމެދު ހިނގި މާރަމާރީގައި 22 އަހަރުގެ މުހައްމަދު އީވާންގެ ކަރަށާއި ބުރަކައްޓަށާއި ބޮލަށް ވަނީ ވަޅި ހަރައިފަ އެވެ. އޭނާ މިހާރު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭއިރު އޭނާގެ ހާލު ވަރަށް ދެރަ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.