އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ފަރާތުން އެކުލަވާލާފައިވާ ޓްރާންސިޝަން ކޮމެޓީތަކަށް ފާޑުކިޔުންތައް އަމާޒުވުމުން އެކަމަށް އެމަނިކުފާނުގެ ފަރާތުން މިއަދު ރައްދުދީފި އެވެ.
ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ތަފާތު އެކިއެކި ޓީމުތައް މިހާރު އެކުލަވާލައި މިނިސްޓްރީތަކާއި ކުންފުނިތަކަށް ފޮނުވަން ފަށައިފަ އެވެ. ދައުލަތުގެ ކޮންމެ މުއައްސަސާއަކަށް ސަރުކާރުގެ ކޮންމެ މިނިސްޓްރީއަކަށް އަދި ކޮންމެ ކުންފުންޏަކަށް ޓްރާންސިޝަން ކޮމެޓީތައް ވަނީ އުފައްދާފަ އެވެ.
މި ކޮމެޓީތަކުގައި ތިއްބަވަނީ ކޯލިޝަންގެ ޕާޓީތަކުން އައްޔަންކޮށްފައިވާ ބޭފުޅުންނެވެ. ކޮމެޓީތަކުން ބައްދަލުވުންތައް މިހާރު ބާއްވަމުންދާއިރު އެ ކޮމެޓީތަކާމެދު ގިނަ ބައެއްގެ ފާޑުކިޔުން ސޯޝަލް މީޑިއާގައި ވަނީ އާންމުވާން ފަށާފަ އެވެ. އެގޮތުން އަންހެނުން ކޮމެޓީތަކުގައި މަދުވުމާއި ކޮރަޕްޝަންގެ ތުހުމަތުވާ މީހުންނާއި ވިޔަފާރިވެރިން ކޮމެޓީތަކުގައި ތިބުމަކީ ގިނަ ބައެއް ކަންބޮޑުވާ ކަމެކެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޓްރާންސިޝަން ކޮމެޓީތަކުގެ ޒިންމާއަކީ އޮފީސްތަކުގެ ކަންކަން ހިނގާ ގޮތް ބަލައި، ވެރިކަން ބަދަލުވެގެންދާއިރު ރައްޔިތުންނަށް އެއްވެސް ހިދުމަތެއް މެދުކެނޑިގެން ނުދާނެކަން ޔަގީންކުރުން ކަމަށެވެ.
"ކޮމެޓީތަކުން ކުރާ ކަމަކީ އެ އޮފީސްތަކުގެ ހާލަތު ދެނެގަނެ، އެ އޮފީސްތަކުގެ މެންޑޭޓް ދެނެގަނެ، މެންޑޭޓް އެއްގޮތަށްތޯ ކަންކަން ކުރިއަށް ދަނީ ބެލުން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ "ކޮމެޓީތަކުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އޮފީސްތަކާ ހަވާލުވެވަޑައިގަންނަވާނެ ބޭފުޅުން ނޫން" ކަމަށެވެ. އެ ބޭފުޅުން ކުރައްވާނެ ކަމަކީ ހަމައެކަނި އޮފީސްތަކުގެ ހާލަތާއި މަސައްކަތްތައް ދެނެގަތުން ކަމަށެވެ. އާ ސަރުކާރަށް ކަންކަން ތައްޔާރުވުމަށް ކޮމެޓީތަކުން އެހީވާނެ ކަމަށެވެ.
ޓްރާންސިޝަން ކޮމެޓީތައް އުފެއްދީ، އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުން މަޝްވަރާކޮށްގެން ސިޔާސީ ބޭފުޅުންނާއި ޓެކްނިކަލް އަދި ޕްރޮފެޝަނަލް ބޭފުޅުން ހިމަނައިގެން ކަމަށް މާރިޔާ ވިދާޅުވި އެވެ.