ހަބަރު

ސުއޫދުގެ ސަސްޕެންޝަން ހަތަރު މަހަށް އިތުރުކޮށްފި

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދުގެ ސަސްޕެންޝަން ސުޕްރީމް ކޯޓުން އިތުރުކޮށްފި އެވެ. އޭނާގެ ސަސްޕެންޝަން އިތުރުކޮށްފައިވަނީ ހަތަރު މަސްދުވަހަށެވެ.

ސުއޫދު މިހާރު ވެސް ހުންނެވީ ސަސްޕެންޝަނެއްގަ އެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ވީނިއުސްއަށް ދެއްވާފައިވާ އިންޓަވިއުއަކާއި ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ސުއޫދު ކުރެއްވި ޓްވީޓްގައި ވަނީ 2013 ވަނަ އަހަރުގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދުވަސް އިތުރުކޮށްފައިވަނީ ސުޕްރީމް ކޯޓުން ގާނޫނާ ހިލާފު ހުކުމެއް ނެރެގެން ކަމަށް ވިދާޅުވެފަ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނީ، ސުއޫދުގެ ޓްވިޓާ އެކައުންޓުން، މިދިޔަ މަހުގެ 24 ވަނަ ދުވަހު ޖުޑީޝަރީއާ ގުޅޭގޮތުން ކޮށްފައިވާ ޓްވީޓާއި އެދުވަހު ވީނިއުސްގައި ލިޔެފައިވާ ލިޔުމާ ގުޅޭގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ. ސުއޫދު ދީފައިވާ ބަޔާނަށް ރިއާޔަތްކޮށް ބެލިބެލުމުން އެ އަމަލަކީ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުތަކާއި ހިލާފު އަމަލަކަށްވާތީ ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން މިއަދުން ފެށިގެން ހަތަރު މަސްދުވަހުގެ މުއްދަތަށް މަނާކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

މީގެކުރިން ވެސް ސުއޫދު ސަސްޕެންޑްކޮށްފައިވެ އެވެ. ސުއޫދުގެ ސަސްޕެންޝަން އެންމެފަހުން އުވާލީ އެކެއް ފެބުރުއަރީގެ އަމުރަށްފަހު އެވެ. އޭގެފަހުން ކުރިމިނަލް ކޯޓުން އެ ކޯޓަށް ނުވަދެވޭ ގޮތަށް ސުއޫދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.