ހަބަރު

ފަހުން ހިންގި މާރާމާރީތަކުގެ ތުހުމަތަށް 32 މީހަކު ވަނީ ހައްޔަރުކޮށްފައި: ޕޮލިސް

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ މަރަދޫގައި ހިނގައިދިޔަ މާރާމާރީއާއި ރޭ ކުޑަކުއްޖަކު ގަތުލުކޮށް މަރައިލި މާރާމާރީ ހިމެނޭގޮތަށް މާލޭގައި ހިގި ފަސް މާރާމާރީއެއްގެ ތުހުމަތުގައި މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފި އެވެ.

މި ފަހަކަށް އައިސް މާރާމާރީގެ މައްސަލަތައް އިތުރުވެ، ގްރޫޕް މާރާމާރީއެއްގައި ރޭ 14 އަހަރުގެ ފިރިހެން ކުއްޖަކު މަރާލާފައިވާއިރު ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، މާލެތެރެ އަމާން ތަނަކަށް ހެދުމަށްޓަކައި ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ރޭގެ ހާދިސާވެސް ހިނގާފައިވަނީ ފުލުހުން އެފަދަ ޕެޓްރޯލެއް ހިންގަމުން ދަނިކޮށް ކަމަށާއި ރޭގެ ހާދިސާ ހިނގައިދިއުމުގެ ކުރިން ވަޅިތަކަކާއެކު ފަސް މީހުން ހައްޔަރުކުރި އިރު، އެ ހާދިސާ ހިނގައިދިޔަ ފަހުން، އެކަމުގައި ތުހުމަތުކުރެވޭ ބަޔަކުވެސް ރޭ ހައްޔަރުކުރި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ރޭގެ ހާދިސާގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ އަދަދެއް، ތަފްސީލެއް ޝިފާން ހާމައެއް ނުކުރެ އެވެ.

ޝިފާން ވިދާޅުވީ މާރާމާރީގެ މައްސަލަތައް ބަލައި ހުއްޓުވަން ކުރަމުންދާ މަސައްކަތްތަކުގައި މިފަހުން 32 މީހަކު ހައްޔަރުކުރި އިރު އޭގެ ތެރެއިން 17 މީހަކު އަދިވެސް ފުލުހުންގެ ހައްޔަރުގައި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރު ނުވާ 3 ކުއްޖަކުވެސް ހިމެނޭ އިރު، އެ މީހުން ހައްޔަރުކޮށްފައިވާ ހާދިސާތަކާ ގުޅޭ ތަފްސީލީ މައުލޫމާތެއްވެސް ޝިފާން ހާމައެއް ނުކުރައްވަ އެވެ.

ޝިފާން ވިދާޅުވީ، މާރާމާރީތައް ސިޔާސީ ފަރާތްތަކުން ކުރުވާ ކަންކަމުގެ ގޮތުގައި ސިފަކުރުވަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަން ފުލުހުންނަށް ފާހަގަވެފައިވާ ކަމަށެވެ. ނަމަވެސް އެއީ މުޖުތަމައަށް ނުބައި އަސަރުތަކެއް ކުރާނެ ކަންކަންކަމަށް ވާތީ އެފަދަ ގޮތްގޮތަށް ވާހަކަ ނުފެތުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

"މިހާ ހިސާބަށް އަޅުގަނޑުމެން ބެލި ބެލުމުން މި ކަންކަމަކީ ސިޔާސީ އެއްވެސް ފަރާތަކުން އިސްވެ، ނުވަތަ ސިޔާސީ އެއްވެސް ބަޔަކު ކުރުވާ ކަމެއް ކަމަށް އެނގިފައެއް ނުވޭ. އެހެންކަމުން އެއީ ހަގީގަތާ ހިލާފަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައެއް ކަމަށް ގަބޫލުކުރަން،"

މި އަހަރުގެ ތެރޭގައި މާރާމާރީތަކުގައި ތިން މީހަކު މަރާލާފައިވާއިރު ގިނަ ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ދީފައިވެ އެވެ.
ނަމަވެސް ފުލުހުން ބުނެފައިވަނީ އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރު މާރާމާރީ ހިނގާ މިންވަރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ.