ހަބަރު

ކުޑަކުދިންނަށް ރަހުމްކުޑަ އަނިޔާކުރާ މިންވަރު ގިނަ: އާކް

ކުޑަކުދިންނަށް ލިބޭ ނުރައްކާތެރި އަނިޔާގެ މައްސަލަތައް އިތުރުވަމުންދާ ކަމަށާއި އެކަންކަން ކޮންޓްރޯލް ކުރުމަށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށް، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން، އާކް އިން ބުނެފި އެވެ.

ބުދަ ދުވަހުގެ ރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ 14 އަހަރުގެ ފިރިހެންކުއްޖަކު މަރާލި ހާދިސާ ކުށްވެރިކޮށް އާކުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ގައުމު ސަމާލުވާންޖެހޭ މިންވަރަކަށް ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން ކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ގެއާއި ސްކޫލުގައި ވަރުގަދަކޮށް ކަންކަން ހައްލުކުރަން ކަމާބެހޭ ފަރާތްތަކުން މިހާރަށްވުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ.

އާކުން ވަނީ މާރާމާރީގައި މަރާލި އިސްމާއިލް ޝައްފާންގެ ގާތިލުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ވީ އެންމެ އަވަސް މަސައްކަތްތަކެއް ކޮށް އެމީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލާފަ އެވެ.

ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާ އާއިލީ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ.

ކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި ވަކި ގާނޫނެއްގެ ދަށުން ކުދިން ހިމާޔަތްކުރުމަށް ކުޑަކުދިން ރައްކާތެރިކުރުމާ ބެހޭ ބިލެއް މިހާރު ވަނީ ޑްރާފްޓްކޮށްފަ އެވެ. ނަމަވެސް އެ ބިލް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ. އެ ބިލްގެ ކަންކަން އަވަހަށް ނިންމައިދީ އެ ބިލް ގާނޫނެއްގެ ގޮތުގައި ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ފާސްކޮށްދިނުމަށް ވެސް އާކް އިން ވަނީ ގޮވާލާފަ އެވެ.