ހަބަރު

އިންޑިއާގެ އެއާޕޯޓަކުން ޝޭހް ޝަމީމް ހިފަހައްޓައި ޑީޕޯޓްކުރަނީ

"އަންދުލްސް ދަރުސް" އިން އާންމުންގެ މެދުގައި މަގުބޫލުކަން ހޯދި، މަޝްހޫރު އިލްމްވެރިޔާ ޝެއިހް އާދަމް ޝަމީމް އިބްރާހިމް އިންޑިއާގެ އެއާޕޯޓަކުން މިއަދު ހިފަހައްޓައި އޭނާ އެ ގައުމުން ޑީޕޯޓް ކުރަން ނިންމައިފ އެވެ.

ޝަމީމް ހިފަހައްޓާފައިވާ ސީދާ ސަބަބެއް އަދި ނޭނގެ އެވެ. ނަމަވެސް އިންޑިއާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ، އެފަދަ މައުލޫމާތެއް ޝޭހް ޝަމީމްގެ އާއިލާއިން މިއަދު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަން ބެލިއިރު ޓްރެވިންޑްރަމް އެއާޕޯޓުން އެ ގައުމަށް އެތެރެ ވިޔަ ނުދީ، އިމިގްރޭޝަނުން ވަނީ އޭނާ ހިފަހައްޓާފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި މާދަމާ އޮންނަ ފްލައިޓަކުން އޭނާ ރާއްޖެ ފޮނުވާލާނެ ކަމަށްވެ އެވެ. އޮފިޝަލް ވިދާޅުވީ ރާއްޖެ ފޮނުވާލެވެންދެން ޝަމީމް ހުންނާނީ، އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ޝަމީމް ހިފަހެއްޓި ސަބަބެއް ސާފެއް ނުވެ އެވެ. މީގެ ކުރިން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އިންޑިއާއަށް އެތެރެވާން އުޅުމުން އޭނާ ވެސް އެއާޕޯޓްގެ އިމިގްރޭޝަނުން ހިފަހައްޓައި ރާއްޖެ ފޮނުވާލި އެވެ. ރައީސް އަބްދުﷲ ޔާމީން ޗައިނާގެ ސަރުކާރާ އެކު މާބޮޑަށް ގުޅުންތައް ބަދަހި ކުރަން ފެށުމާ އެކު ރާއްޖެ އިންޑިއާގެ ގުޅުމަށް ވަނީ ނުތަނަވަސްކަން އައިސްފަ އެވެ. އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ވިސާ ކަންތައްތަކުގައި ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ. މީގެ އިތުރަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ މީހުންނަށް ވިސާ ނުދިނުމުގެ މައްސަލަތަކެއް ވެސް މިފަހުން ކުރިމަތިވި އެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާނުވުމުގެ ގޮތުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް އެތައް ސިޔާސީ ފަރާތްތަކެއް ހައްޔަރު ކުރުމާ އެކު އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށް ސްޓޭޓް އޮފް އެމެޖެންސީ ވަގުތުން ނިމުމަކަށް ގެންނަން ވަނީ ގޮވާލައިފަ އެވެ.