ރައީސް މުހައްމަދު ނަޝީދު

ރަސްގެފާނުގެ ދައުވަތަށް ނަޝީދު ސައުދީއަށް ވަޑައިގަންނަވަނީ

ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް-ސައުދުގެ ދައުވަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ސައުދި އަރަބިއްޔާއަށް ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އެވެ. ނަމަވެސް ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ނަޝީދު ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސައުދި އަރަބިއްޔާއާއެކު ބޭއްވި ގުޅުމަށް ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް ސައުދި އަރަބިއްޔާއިން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއުއަށް ރައީސް ނަޝީދު ފާޑުވިދާޅުވި އެވެ.

ވެރިކަމުން ފައިބާވަޑައިގެންނެވުމަށްފަހު މިއީ ރައީސް ނަޝީދު ސައުދި އަރަބިއްޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ސައުދި އަރަބިއްޔާއިން ވަނީ ރައީސް ނަޝީދުގެ ޕާޓީ، އެމްޑީޕީ ހިނެމޭ ކޯލިޝަނުން ރިޔާސީ އިންތިހާބުގައި ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފަ އެވެ. ސައުދީ ރަސްގެފާނުގެ ހާއްސަ މަންދޫބެއް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ބައްދަލު ކުރައްވާފައިވެސްވެ އެވެ.