އަބްދުﷲ ރިޔާޒް

އަފްރާޝީމްގެ މަރާ ގުޅޭ މައުލޫމާތު ހާމަކުރާނީ ރަނގަޅު ތަނުގަ: ރިޔާޒު

ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ލިބިފައިވާ މައުލޫމާތުތައް އެންމެ އެކަށީގެންވާ ޕްލެޓްފޯމްގައި ހާމަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި އެ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހާމަކުރުމަކީ އެންމެ ޒިންމާދާރު ގޮތް ނޫން ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިރޭ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ރިޔާޒު މިހެން ވިދާޅުވިއިރު އަރްފާޝީމްގެ މަރާ ގުޅޭ ގޮތުން ރިޔާޒު ލިބިފައިވާ މައުލޫމާތުތައް ހާމަ ނުކުރައްވާތީ ޓްވިޓާގައި އެތައް ބަޔަކު އެކަމަށް ފާޑުކިޔަމުންދެ އެވެ. ހާއްސަކޮށް ރިޔާޒު ޖަލުން މިނިވަންވުމުން އެ ސުވާލު ޓްވިޓާގައި މީހުން އަމާޒުކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.

އަފްރާޝީމް ރަހުމްކުޑަ ގޮތަކަށް އަވަހާރަކޮށްލެއްވިއިރު ކޮމިޝަނާގެ މަގާމުގައި ހުންނެވި ރިޔާޒު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި އެ މަރާ ގުޅޭ މައުލޫމާތުތައް ވަގުތުން ޖެހުމުން ހާމަ ކުރައްވާނެ އެވެ. ނަމަވެސް މިހާތަނަށް ރިޔާޒު އެފަދަ އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެ އެވެ. އެއް އަހަރެއްހާ ދުވަހަށް އެ މައްސަލަ ތަހުގީގު ކުރީ ވެސް ރިޔާޒުގެ ކޮމިޝަނާ ކަމުގެ ތެރޭގަ އެވެ.

އެކަމާ ގުޅޭ ގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ޕޮލިސް ކޮމިޝަނާ ގޮތުގައި ހުންނަވަނިކޮށް ލިބޭ މައުލޫމާތުތައް ގާނޫނުގައިވާ ގޮތުން ވެސް ހާމަ ނުކުރެވޭނެ ކަމަށެވެ. އެއީ ރައްކާތެރި ކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ. އެހެންވެ އެ މައުލޫމާތުތައް އާންމުކޮށް ހާމަ ނުކުރެއްވޭނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މަޖިލީހުގެ ކޮމެޓީއަކުން ކަމުގައި ވިޔަސް ޝަރުއީ ކޯޓަކުން ކަމުގައި ވިޔަސް ރިޔާސީ ކޮމިޝަނަކަށް ކަމުގައި ވިޔަސް އަދި މިހާރު ފުލުހުންގެ މުއައްސަސާއަށް ކަމުގައި ވިޔަސް އެ ބަލާ ކަމުގައިވާނަމަ އަޅުގަނޑާ ހަމައަށް އޭރު ލިބިފައިވާ މައުލޫމާތުތައް އަޅުގަނޑު ހިއްސާ ކުރާނަން،" ރިޔާޒު ވިދާޅުވި އެވެ.

"ސޯޝަލް މީޑިއާގައި އެކަމަށް ޖަވާބުދާރީވުމަކީ އެންމެ ޒިންމާދާރު ގޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، ވަރަށް މާފަށް ވެސް އެދެން،"

ރިޔާޒު ވިދާޅުވީ އެންމެ ބޮޑު ކަންބޮވުމަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ މައްސަލާގައި ތަހުގީގު ހިނގައި ދިޔަ ގޮތެއް ލިބުނު ކުރިއެރުމެއްގެ އެއްވެސް މައުލޫމާތެއް ހިއްސާކޮށްނުވުން ކަމަށެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތެރެއިން ކުރައްވަން އުޅުނު އެއްވެސް ކަމެއް ކުރިޔަ ނުދިން ކަމަށް ވެސް ވިދާޅުވި އެވެ. މަޖިލީހުގެ 241 ކޮމެޓީގެ އެއްވެސް ބައްދަލުވުމެއް ބޭއްވިފަ ނުވާކަން ރިޔާޒު ފާހަގަ ކުރެއްވި އެވެ.

ކިނބިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވި ގޮތުގައި އެ މައްސަލާގައި މައުލޫމާތުތައް ހާމަ ކުރަން ޖެހޭނީ މަގާމު ދޫކޮށް ދާ މީހާ ނޫން ކަމަށާއި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށް ދޭން ޖެހޭނީ މުއައްސަސާއިން ކަމަށެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ވަކި މީހަކަށް ތުހުމަތުކޮށް ވާހަކަ ދެއްކުމަށް އޭނާއަށް އަންގާ ކަމަށާއި ނަމަވެސް އެއީ އޭނާ ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް ތެދަށް ނޫން ގޮތަކަށް ވާހަކައެއް ނުދައްކަން، މީހަކާމެދު އެވިޑެންސެއް ނެތިއްޔާ އެމީހަކަށް ތުހުމަތުކޮށް ވެސް ވާހަކައެއް ނުދައްކާނެ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ދެން އުފެދޭ ސަރުކާރުން އެ މައްސަލަ އަލުން ތަހުގީގު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މައްސަލަ މިހާރު އޮތް ހިސާބާއި ނުބެލި ހުރި ކަންކަން އަންނަ ސަރުކާރުގައި ބެލޭނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އެކަމުގައި އޭނާގެ އެއްބާރުލުން އަންނަ ސަރުކާރަށް ލިބޭނެ ކަމުގެ ޔަގީންކަން ރިޔާޒު ދެއްވި އެވެ.