ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދާދިދެންމެއަކު ހުށަހަޅައިފި އެވެ. އެ ގަރާރުގައި 51 މެންބަރުން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމް އާއި އެމްޑީއޭއަށް ނިސްބަތްވާ 15 މެންބަރުން ސޮއި ކުރައްވާފައިވެ އެވެ.
ޕީޕީއެމްގެ ގިނަ މެންބަރުންގެ ސޮޔާއެކު މަޖިލީހަށް މިއަދު ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީސް މެންބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅުމާއި ވަކި ސަބަބެއް ހާމަ ނުކޮށް މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މަސީހު އަދާކުރަން ޖެހޭ މަސްއޫލިއްޔަތުން ވެސް އެމަނިކުފާނު އެއްކިބާވެވަޑައިގެންފައިވާ ކަމަށެވެ. އަދި 12 މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސް އަޅާ، ގާނޫން އަސާސީއާ ކަނޑައެޅިގެން ހިލާފަށް ބިލުތައް ގަސްތުގައި އެޖެންޑާކޮށް ވޯޓަށް ވެސް އަހަމުންދާ ކަމަށެވެ.
މަޖިލީހުގެ ގަވައިދުތައް އިސްލާހު ކުރުމަށް ކޮމިޓީއެއް ނެގުނުތާ ފަސް އަހަރުވެފައިވާ އިރު ވެސް މަސީހު އެ ކޮމިޓީގެ މަސައްކަތަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި ބިލުތައް ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތު ނުދޭ އިރު މަރުހަލާތައް އެއްކުރައްވާ އަވަސް އަރުވާލައިގެން މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
މެންބަރުންގެ މެދުގައި މަސީހު ގަސްތުގައި ތަފާތު ކުރުން ގެންގުޅުއްވާ ކަމަށާއި އެއްވެސް ޕާޓީއަށް ނިސްބަތްވެވަޑައި ނުގަންނަވާ މެންބަރުން ބަހުސްއަށް ވަގުތު ދެއްވުމަށް ފާޅުކަން ބޮޑު ގޮތެއްގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
"...ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 175 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ ގާނޫން އަސާސީގެ 82 ވަނަ މާއްދާގެ ދަށުން ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހުގެ މައްޗައް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަމެވެ،" ގަރާރުގައިވެ އެވެ.
މަޖިލީހުގެ ގަވައިދުގައި ކުރިން އޮންނަ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ކަމުގެ މައްސަލަ ހުށަހެޅޭނީ 15 މެންބަރުންގެ ސޮޔާއެކުގަ އެވެ. ނަމަވެސް މިދިޔަ އަހަރު އަ އަދަދަށް ސޮއި ހޯދައިގެން މަސީހު ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމުން ޕީޕީއެމް އިން ވަނީ އެ އަދަދު 42 އަކަށް ހަދާ ގަވައިދު ބަދަލުކޮށްފަ އެވެ.
މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި 43 މެންބަރުންގެ ސޮޔާއެކު މަސީހު ވަކި ކުރުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅުމުން 12 މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިހާރު ވަނީ ހަތަރު މެންބަރުންގެ ގޮނޑި ސަލާމަތްކޮށްފަ އެވެ. ބާކީ ތިބި މެންބަރުންގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި އެބަ ހިނގަ އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ލިބޭތާ ރަސްމީ ބަންދުނޫން ގިނަ ވެގެން ތިން ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ނޯޓިސް އަމީން އާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދޭން ޖެހެ އެވެ. އަދި ނޯޓިސް ދޭ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 10
ދުވަހުގެ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ބަންދު ނޫން ދުވަހަކު ޖަލްސާއެއް ބާއްވާ އެ މައްސަލަ ކުރިޔަށް ގެންދަން ޖެހެ އެވެ.