ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ހައްޔަރު އަމުރު ކުރިމިނަލް ކޯޓުން ބާތިލްކޮށްފި އެވެ.
ރައީސް ނަޝީދުގެ ވަކީލް އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ މައްޗަށް ފަހުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އުފުލި ދައުވާ ކުރިމިނަލް ކޯޓުން ބާތިލްކޮށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
އެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް އުފުލީ ރައީސް އަބްދުﷲ ޔާމީން މުލަކު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުންނަވަނިކޮށް، 14 ޖުލައި 2010 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ހައްޔަރުކޮށް ކ. އާރަށުގައި ބެހެއްޓި މައްސަލައިގަ އެވެ.
އެ މައްސަލާގައި ރައީސް ނަޝީދު ހައްޔަރުކުރަން ކޯޓު އަމުރެއް ވެސް ނެރުނެވެ. ކުރިމިނަލް ކޯޓުން ވަނީ އެ އަމުރު ވެސް ބާތިލްކޮށްފަ އެވެ. އެ ދައުވާކޮށް ހައްޔަރު އަމުރު ނެރުނީ ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުންނެވެ.
ރައީސް ނަޝީދު މިހާރު ހުންނެވީ ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކުރި ކަމުގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. އެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ ތާއިދުކޮށްފަ އެވެ.
ނަމަވެސް ރައީސް ނަޝީދަށް ސުޕްރީމް ކޯޓަށް މައްސަލަ އަލުން ރިވިއު ކުރަން ހުށަހެޅޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ އެވެ.
އެމްޑީޕީއިން ބުނެފައިވާ ގޮތުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގަ އެވެ. އެކަމަށްޓަކައި އެމްޑީޕީއިން ކުރަންޖެހޭ ސިޔާސީ މަސައްކަތްތައް ކުރަމުންދާ ކަމަށް ޕާޓީއިން ވަނީ ބުނެފަ އެވެ.