ރީޓްވީޓެއް ކުރައްވައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު އިންޒާރެއް ދެއްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު މިއަދު ރީޓްވީޓް ކުރައްވާފައިވަނީ އެމެރިކާގެ ފަނޑިޔާރެއް ކަމަށްވާ ކްލަރެންސް ތޯމަސްއާ ހަވާލާދީ އެމްބީއޭ ޖާނަލްއިން ޓްވީޓްކޮށްފައިވާ ލިޔުމެކެވެ.
އެ ލިޔުމުގައި ފަނޑިޔާރު ތޯމަސް ވިދާޅުވެފައިވަނީ "ޝަރުއީ ދާއިރާއަކީ ބާރުގައި ތިބޭ ބައެއްގެ ޕަޕެޓެއް ނޫން" ކަމަށެވެ.
އުއްތަމަ ފަނޑިޔާރު މި ލިޔުން ރީޓްވީޓް ކުރައްވައި އިންޒާރެއް ދެއްވާފައިމިވަނީ ރާއްޖޭގެ ސިޔާސީ މައިދާން ވަރަށް ބޮޑަށް ބަދަލުވަމުންދާ ދަނޑިވަޅެއްގަ އެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ވެރިކަން ހަވާލުކުރުމުގެ މަރުހަލާ މިހާރު ދަނީ ކުރިއަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ގިނަ ބޭފުޅުންތަކަކަށް ކުރި ހުކުމްތައް ވެސް މިހާރު އެކި ކޯޓުތަކުން ދަނީ ބާތިލްކުރަމުންނެވެ.
ސުޕްރީމް ކޯޓުން ވެސް ވަނީ ރައީސް ޔާމީންގެ ފަރާތުން ރިޔާސީ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ އެމަނިކުފާނާ ދެކޮޅަށް ނިންމަވާފަ އެވެ. އޭގެއިތުރުން ހަތަރު މެންބަރެއްގެ ގޮނޑި އަނބުރާ ދީފައިވާއިރު އިތުރު އަށް މެންބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ދަނީ ބަލަމުންނެވެ.
ޝަރުއީ ދާއިރާއަކީ ޕަޕެޓެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި 49 މެންބަރުން ސޮއި ކުރައްވައި ގަރާރެއް މިއަދު މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އެ ގަރާރުގައި ރައީސް ނަޝީދުގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓަށް އިލްތިމާސްކޮށްފައިވެ އެވެ.
އެ ގަރާރުގައި ރައީސް ނަޝީދު ހައްޔަރުކުރުމަށް ނެރެފައިވާ އަމުރާއި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މުލަކު ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މާމިލިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގާނޫނާ ހިލާފަށް ހައްޔަރުކުރިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ބާތިލްކުރުމަށް ވެސް ގަރާރުގައި އެދިފައިވެ އެވެ. އެގޮތުގެ މަތިން ކުރިމިނަލް ކޯޓުން މިއަދު ވަނީ
އެކަން ކޮށްދީފަ އެވެ.