ވިޔަފާރި

އިޓަލީގެ ރަހަތަކަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވައިފި

އިޓަލީގެ ރަހަ ތަކަށް ހާއްސަކޮށް "ޓޭސްޓް އޮފް އިޓަލީ" ގެ ނަމުގައި ރެސްޓޯރެންޓް މާލޭގައި މިރޭ ހުޅުވައިފި އެވެ.

ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބައިސަން ކުންފުނިން ކެނެރީމަގު، ސައިރިކްސް ކޮލެޖު ކުރިމަތީގައި ހުޅުވި "ޓޭސްޓް އޮފް އިޓަލީ" ރެސްޓޯރެންޓް ހުޅުވައިދެއްވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާއި އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ. މި ރެސްޓޯރެންޓް "ސޮފްޓް އޯޕަނިން" އެއްގެ ގޮތުގައި މިރޭ ހުޅުވިނަމަވެސް ކަސްޓަމަރުންނަށް ރަސްމީކޮށް ރެސްޓޯރެންޓް ހުޅުވާލާނީ ހުކުރު ދުވަހު އެވެ.

އިޓަލީގެ މީރު ޕާސްތާ އާއި އިޓަލިއަން ޕިއްޒާ ލިބޭ ގޮތަށް ހުޅުވި މި ރެސްޓޯރެންޓާ ބެހޭ ގޮތުން ބައިސަން ޓްރެވަލް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް މަޖީދު "އަވަސް" އަށް ވިދާޅުވީ މިތަން ހާއްސަ ވެގެންދާނީ އިޓަލީގެ ރަހަތައް ދިވެހިންނަށް ގެނެސްދޭނެ ތަނަކަށް ކަމަށެވެ.

މިތަނުގެ އެންމެ ހާއްސަ އެއް ކަމަކީ ޕިއްޒާ އެވެ. މި ރެސްޓޯރެންޓުގައި ޕިއްޒާ ފިހަނީ އިޓަލީ އިން އެކަމަށް ހާއްސަކޮށް ގެނެސްފައިވާ ލަކުޑި އަންދައިގެންނެވެ. މިއީ އިޓަލިއަން ޕިއްޒާ ފިހާ ގޮތެވެ. އަދި މި ރެސްޓޯރެންޓުގެ ހެޑް ޝެފެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ކޮކޫން މޯލްޑިވްސްގެ ކޯޕަރޭޓް އެގްޒެކެޓިވް ޝެފް އިޓަލީގެ ކޮވާންނީ އެވެ.

"ޓޭސްޓް އޮފް އިޓަލީ" ރެސްޓޯރެންޓް ފަރުމާކޮށްފައިވަނީ އިޓަލީގައި ވެސް މިފަދަ ރެސްޓޯރެންޓްތައް ހުންނަ ގޮތަށް "އިޓާލިއަން" ފީލެއް އަންނާނެ ގޮތަށެވެ.