ހަބަރު

އުރަމަތީ ކެންސަރަށް ހޭލުންތެރިކުރަން ބާއްވާ "ޕިންކް ރިބަން" ދުވުން ހޮނިހިރުގައި

އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ރާއްޖޭގެ ކެންސަރު ސޮސައިޓީއިން ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން ކޮންމެ އަހަރަކު އޮކްޓޫބަރު މަހު ބާއްވަމުން އަންނަ "ޕިންކް ރިބަން" ދުވުމާއި ހިނގާލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން އެ ސޮސައިޓި އިން ނިންމައިފި އެވެ.

ޕިންކް ރިބަން ދުވުމާއި ހިނގާލުމަކީ އޭގައި ބައިވެރިވާ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ބާއްވާ ހަރަކާތެކެވެ. އެގޮތުން މި އަހަރަރުވެސް ރާއްޖޭގެ 27 ރަށެއްގައި މި ހަރަކާތް އެއްފަހަރާ ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ. އެހެންކަމުން ޕިންކް ރިބަން ދުވުމަކީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތްތަކުގެ ތެރެއިން އެއްފަހަރާ މިހާ ގިނަ ރަށްރަށުގައި ބާއްވާ ހަމައެކަނި ހަރަކާތެވެ.

ހަރަކާތް އަންނަ ހޮނިހިރުދުވަހު ފަށާނީ ހަވީރު 4:00 ގަ އެވެ. މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާކަށް ނުޖެހޭނެއެވެ. ދުވުމުގައި ބޭނުންކުރާ ޓީޝާޓް ލެކިއުޓް، މާލެ، އަދި ރެޕިއުޓް، ހުޅުމާލެއިން 150 ރުފިޔާ އަށް ގަންނަން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ދުވުން އޮންނަ ރަށްތަކުންވެސް މި ޓީޝާޓުތައް ލިބެން ހުންނާނެއެވެ. ޓީޝާޓު ވިއްކައިގެން ލިބޭ ހުރިހާ ފައިސާ އެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ކެންސާ ސޮސައިޓީ އަށެވެ. މި ފައިސާ ހަރަދުކުރެވޭނީ ކެންސަރުބަލި މީހުންނަށާއި ކެންސަރަށޤ ހޭލުންތެރިކުރުމަށް ކުރާ ތަފާތު މަސައްކަތްތަކަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު މި ޓީޝާޓު ގަތުމަކީ އެ ސޮސައިޓީގެ އެދުމެކެވެ.

ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން "ޕިންކް ރިބަން ރަން- ވޯކް" ބޭއްވުމަށް ސީއެސްއެމް އަށް އެހީތެރިވަމުންނެވެ.