ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ތަހުގީގަށް ފިލޭނެ ފުރުސަތު އަދީބަށް ނުދޭން ރިލްވާނުގެ އާއިލާއިން ގޮވާލައިފި

ބޮޑެތި ކުށްތަކެއްގައި ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދޭން ޖެހޭ ކަމަށް އިދިކޮޅު ލީޑަރުން ވެސް ގޮވާލަމުން ދިއުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ އާއިލާއިން ބުނެފި އެވެ.

ރިލްވާނުގެ އާއިލާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަދީބަކީ ރިލްވާން ގަދަކަމުން ގެއްލުވާލާފައިވާ މައްސަލައިގައި ސުވާލުކޮށް ތަހްގީގު ކުރަންޖެހޭ މީހެއްކަމުގައި އާއިލާއިން ދެކޭކަމަށެވެ. އެ ބަޔާނުގައި ބުނީ، މީގެ ކުރިންވެސް ހާމަވެފައިވާ ބައެއް މައުލޫމާތަކަށް ބަލާއިރު، ރިލްވާން ވަގަށްނެގުމުގައި ބައިވެރިވީ ކަމަށް ތުހުމަތުވާ ބަޔަކާ އަދީބާ ގުޅުންތަކެއް އޮތް ކަމަށް ގަބޫލުކުރެވިފައިވާއިރު، އަދި ބޭރަށް ފޮނުވައިފި ނަމަ މައްސަލައިގެ ތަހުގީގު އަލުން ކުރާއިރު އެކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ނުދީ ފިލުމަށް އަދީބު މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން އޭނާއާށް ތަހުގީގަށް ފިލުމުގެ ފުރުސަތު ލިބޭ ގޮތަށް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަކީ އެއާއިލާއިން ނުރުހޭ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"މީގެ އިތުރުން، އޭނާއަކީ، [އަދީބަކީ] މުޅި ދިވެހިރާއްޖެއަށް ގެއްލުން ލިބުނު ބޮޑެތި ހިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހެއްކަމުގައި ވާތީ، ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ އޭނާއަށް ދީފިނަމަ ދިވެހިރާއްޖެއަށް އޭނާ އެނބުރި ނައިސް ފިލައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައި މި އާއިލާއިން ދެކެމެވެ،" ރިލްވާންގެ އާއިލާއިން ބުނެފައިވެ އެވެ.

އަދީބުގެ ލޮލަށް ސީރިއަސް މައްސަލަތަކެއް މެދުވެރިވެ، ބޭސް ފަރުވާއަށް މިހާރުވެސް ލަސްވެފައިވާ ކަމަށް އަދީބުގެ ވަކީލުން ވަނީ ހާމަކޮށްފަ އެވެ.

އެކަމާ ގުޅިގެން ރިލްވާނުގެ އާއިލާއިން ބުނީ، ބަންދުގައި ތިބޭ ގައިދީންގެ ތެރެއިން ކޮންމެ މީހަކީވެސް އެކަށީގެންވާ ބޭސްފަރުވާ، ލަސްނުކޮށް ލިބޭނޭ އިންތިޒާމު ދައުލަތުން ހަމަޖައްސައިދޭންޖެހޭނެ ބައެއް ކަމަށެވެ. އަދި ރާއްޖެއިން ބޭސްފަރުވާ ނުކުރެވޭފަދަ ހާލަތެއް ދިމާވާ ނުރައްކާތެރި މުޖުރިމުންނަށް އެފަދަ ފަރުވާ ރާއްޖެއިން ދެވޭނެ އިންތިޒާމް ހަމަޖައްސައިގެން އެކަން ކުރެވޭނޭ މަގު ހުޅުވާލުން މުހިއްމު ކަމަށް ބަޔާނުގައިވެ އެވެ. އަދި އެފަދަ މުޖުރިމަކު ފިލައިގެން ދިއުމުގެ ފުރުސަތު ހުޅުވާލުމަކީ އެކަމަށް ސަރުކާރު ފުރިހަމައަށް ޒިންމާ ނަގަންޖެހޭނޭކަމެއް ކަމަށް ވެސް އާއިލާގެ ބަޔާނުގައި ބުންޏެވެ.

"ދިވެހިރާއްޖޭގެ ތާރީހުގައިވެސް ތަފާތު މައްސަލަތަކާ ގުޅިގެން ބަންދުކުރާ ގައިދީންގެ ތެރެއިން ސިޔާސީ ބޮޑެތި މަގާމުތައް ފުރާފައިވާ ބައެއް މީހުން ބޭސްފަރުވާއަށް ފުރައިގެން ދިއުމަށްފަހު އަނބުރާ ގައުމަށް ނައިސް ފިލައިގެން ދިއުމަކީ އެކި ފަހަރުމަތިން ފެނިފައިވާ ކަމެކެވެ،" ރިލްވާނުގެ އާއިލާއިން ފާހަގަކުރެއްވި އެވެ.

ރިލްވާނުގެ މައަސަލައާއި ބޮޑެތި މަރުތައް އެންމެ ފުރިހަމައަށް ތަހުގީގުކޮށް އާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ގޮވާލާ ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ކޯލިޝަނުގެ ސިޔާސީ ލީޑަރުން ހިމެނޭތީ އެކަން ފާހަގަކޮށް ރިލްވާނުގެ އާއިލާއިން ބުނީ، ރާއްޖޭގެ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް ގިނަވެފައި ވަނިކޮށް، ސިޔާސީ ހެޔޮ ބަދަލަކަށް ފުރުސަތު ލިބޭ ދަނޑިވަޅަކީ ނުހަނު ވިސްނުންތެރިކަމާއެކު، ހެޔޮ މަގުގައި ކުރިއަށް ދާން ލިބޭ ވަގުތެއްކަން ދެނެގަންނަން ޖެހޭ ކަމަށެވެ.

އެހެންކަމުން އެތަކެއް ބައެއްގެ ހައްގުތަކަށް އަރައިގެންކަމުގެ ތުހުމަތު އުފުލިފައިވާ މީހަކު ފިލައިގެން ދިއުމަށް ތަން ނުދީ، ސާފު ފިޔަވަޅަކުން ފެށުމަށް އިދިކޮޅު ކޯލިޝަނަށް އެއާއިލާއިން ވަނީ ގޮވާލާފަ އެވެ.