ކްރިމިނަލް ކޯޓް

އަމީން ފައިސަލްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ ދައުވާ އަމީން ފައިސަލްގެ މައްޗަށް ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކޮށް އާ ރަށުގައި ބެެހެއްޓި މައްސަލާގަ އެވެ.

އަމީން ފައިސަލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި ބުނެފައިވަނީ އޭނާ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވާ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ 1:45 ހާއިރު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނަށް ހިމާޔަތްދޭނެ ކަމަށް ބުނެ އެމަނިކުފާނުގެ ނުރުހުމުގައި އެމަނިކުފާނުގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

އެ މައްސަލާގައި މިއަދު ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އިއްވެވި ހުކުމްގައި ވިދާޅުވީ އަމީންގެ މައްޗަށް ކުށް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހިމާޔަތް ދިނުމާއި ގާނޫނީ ވެރިކަން ދެމެހެއްޓުމަކީ ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަން ފާހަގަކޮށް ހުކުމްގައި ބުނެފައިވަނީ، ރައީސް ޔާމީން އާ ރަށުގައި އޭރު ބެހެއްޓީ މާލެ ތެރޭގެ ހާލަތު އޮތް ގޮތުން ހިމާޔަތް ދިނުމަށް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރު ފެބުރުއަރީ 7 ގައި ވެއްޓުނު އިރު، އަމީން ފައިސަލް ހުންނެވީ ރައީސް ނަޝީދުގެ ސެކިއުރިޓީ އެޑްވައިޒަރެއްގެ ގޮތުގަ އެވެ. ވެރިކަން ބަދަލުވި އިރު ނަޝީދުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އޭނާ ވެސް ގެންދަވަނީ ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.