ހަބަރު

މާލެ ހުޅުމާލެ އާދައިގެ ފެރީއާއި ލޯންޗް ދަތުރުތައް ހުއްޓާލަނީ

ތިން ރަށް ގުޅާލާފައިވާ ސިނަމާލެ ބްރިޖް ހުޅުވުމާ ގުޅިގެން މާލެއާއި ހުޅެލެ އަދި ހުޅުމާލެ ދެމެދުގައި ބާއްވާ ފެރީ ހިދުމަތްތައް ލިމިޓްކުރުމަށް އެ ހިދުމަތްދޭ އެމްޓީސީސީ އިން ނިންމައިފި އެވެ.

އެގޮތުން މާލެއިން ހުޅުލެއާއި ހުޅުމާލެއަށް ކުރާ އެކްސްޕްރެސް ލޯންޗުގެ ހިދުމަތާއި މާލެއާއި ހުލުމާލެއާ ދެމެދު ކުރާ އާދައިގެ ފެރީ ދަތުރުތައް މާދަމާ ރޭ ދެންވަރު 12 އިން ފެށިގެން ހުއްޓާލާނެ އެވެ. އެއާއެކު މާލެއާއި ހުޅުމާލެއާ ދެމެދު ދެން ދަތުރުކުރާނީ ހަމައެކަނި ޕްރީމިއަމް (އޭސީ ފެރީ) އެވެ. އަދި މާލެއިން ހުޅުލެއަށް މިހާރުވެސް އޮންނަ އާދައިގެ ފެރީތައް ޝެޑިއުލް އާ އެއްގޮތަށް ދަތުރުކުރާނެ އެވެ.

އެމްޓީސީސީ އިން މިއަދު ބުނީ، އާންމު ފެރީއާއި އެކްސްޕްރެސްގެ ހިދުމަތް ހުއްޓާލި ނަމަވެސް މާލެއާއި ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރުތައް ރަނގަޅަށް ޝެޑިއުލްކުރެވިގެން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ޕްރީމިއަމް ފެރީގެ ހިދުމަތްވެސް ގަވާއިދުން އޮންނާނެ ކަމަށެވެ.

ސިނަމާލެ ބްރިޖް ހުޅުވި ފަހުން ހުޅުލެއާއި ހުޅުމާލެއަށް ފެރީގައި ދަތުރުކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.