ކްރިމިނަލް ކޯޓް

ޖާނުން ފިދާވެ ހަމަލާ ދޭން ރޭވި ކަމަށް ބުނާ މީހުން މިނިވަންކޮށްފި

މާލޭގައި ޖާނުން ފިދާވެ ހަމަލާތަކެއް ރޭވި ކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ދެ މީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މި މައްސަލާގައި ދައުވާކޮށްފައިވަނީ، ރ. މަޑުއްވަރީ ވިލުދޮޅި އިސްހާގު އަލީ އާއި ޏ. ފުވައްމަލަކު އަލުވިމާގެ ހުސައިން އަފީފުގެ މައްޗަށެވެ. ހުސައިން އަފީގުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމުގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އެވެ. އިސްހާގު އަލީގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމުގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ.

އެ މީހުން އެކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ފެށީ މިދިޔަ ޖެނުއަރީ މަހުގެ ތިންވަަނަ ދުވަހު އެވެ.

މިއަދު މި މައްސަލާގައި ބޭއްވި އިބްތިދާއީ އަޑުއެހުމަކީ އެ ދެ މީހުންގެ ފަރާތުން ބަންދަށް ލުޔެއް ދިނުމަށް އެދިފައިވާތީ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް އެ ދެ މީހުން ދޫކޮށްލަން ނިންމެވީ، ދައުވާކޮށްފައިވާ ގޮތާއި ދައުވާގައި ލިބިފައިވާ ހެކި ގަރީނާ އާއި ދައުވާ ސާފުކޮށްދޭން ދައުލަތުން ދައްކާފައިވާ ވާހަކަތަކާއި ދައުވާގައި ބަޔާންކުރާ އަމަލާ އެމީހުންނާ ގުޅުވޭ މިންވަރަށާއި އެމީހުންގެ ކުށުގެ ރިކޯޑަށް ބަލާފަ އެވެ.

އޭގެއިތުރުން އިސްހާގުގެ ބޭސްފަރުވާގެ ކަންކަން ކަރެކްޝަނަލް ސާވިސްއިން ފުރިހަމައަށް ކުރަމުން ނުދިޔުމަކީ ވެސް އެމީހުން ދޫކޮށްލަން ނިންމެވި ސަބަބެކެވެ.

މައްސަލާގައި މިއަދު ވަނީ ދައުލަތުން އިތުރު ދެ އޯޑިއޯ އެނާލިސިސް ރިޕޯޓް ވެސް ހުށަހަޅާފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ މީހުންނަށް ތުހުމަތު ކުރަނީ އައިއެސް ޖަމާއަތާ ގުޅިގެން ޖާނުން ފިދާވެ ހަމަލާއެއް ދޭން އުޅުނު ކަމުގަ އެވެ. ޖާނުން ފިދާވެ ހަމަލާތަކެއް ދޭން ރޭވިކަމުގެ ތުހުމަތު އެ ދެ މީހުންގެ މައްޗަށް ކުރާއިރު މާލޭގެ ފަސް ތަނެއްގައި ބޮން ގޮއްވާލަން އުޅުނު ކަމަށް ބުނެ ހަތަރު މީހެއްގެ މައްޗަށް ޖުލައި މަހުގެ ތެރޭގައި ދައުވާކޮށްފައިވެ އެވެ. އެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުންނެވެ.