ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައްދަލު ކުރައްވައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
އިމްރާން އާއި އޭނާގެ އަނބިކަނބަލުންނާ ބައްދަލު ކުރެއްވުމަށްފަހު، ރައީސް ނަޝީދު ވިދާޅުވީ ފާއިތުވީ އަހަރުތަކުގައި އަނިޔާވެރިކަމާ ދެކޮޅަށް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގެން އިމްރާން ކުރެއްވި މަސައްކަތުން ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ.
އިމްރާންގެ އަނބިކަނބަލުންގެ މިންނެއް މަސައްކަތާއި ހިތްވަަރަށް ވެސް ސާބަސް ދަންނަވާ ކަމަށް ރައީސް ނަޝީދު ރޭ ވިދާޅުވި އެވެ.
ބައްދަލުވުމަށްފަހު އިމްރާން ވިދާޅުވީ، ރައީސް ނަޝީދު ރައްޔިތުންނަށްޓަކައި ވެވަޑައިގެންފައިވަނީ އަދާޔާ ހިލާފު ގުރުބާނީއެއް ކަމަށެވެ. އެމަނިކުފާނާ ބައްދަލުވެ ހިޔާލު ބަދަލުކޮށްލެވުމަކީ ލިބުނު ނުހަނު ބޮޑު އުފަލެއް ކަމަށެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ރާއްޖެ ހަމަހަމަ މަގަށް އަޅުވާ އަމާން އަސޭރިއަކަށް ގެންދިޔުމަށް ގުޅިގެން ކުރެވޭނެ ކަންކަން ނުހަނު ގިނަގުނަ އެވެ.
ސުޕްރީމް ކޯޓުން އިމްރާން މިނިވަންކުރީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވި ދުވަހު އެވެ. އެ ދުވަހު ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް ނަޝީދު ވަނީ އިމްރާންއަށް ތައުރީފު ކުރައްވާފަ އެވެ. އެ ދެ ބޭފުޅުންނަކީ މީގެކުރިން ސިޔާސީ ގޮތުން ވަރަށް ބޮޑު ދެ ވާދަވެރިންނެވެ. ނަމަވެސް 2015 ވަނަ އަހަރުން ފެށިގެން އެ ދެ ބޭފުޅުން އެކުގައި ސިޔާސީ މަަސައްކަތްތައް ދަނީ ކުރައްވަމުންނެވެ.
އިމްރާން، 2015 ވަނަ އަހަރުގެ މޭޑޭގައި ހައްޔަރުކުރީ ވެސް އެމްޑީޕީއާއެކު ރައީސް ނަޝީދު މިނިވަން ކުރުމަށް ވެސް ގޮވާާލައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެންނެވެ.