ވިޔަފާރި

ބްރިޓިޝް އެއާވޭސް ދަތުރުތައް ރާއްޖެއަށް އިތުރުކޮށް އާ ތިން އެއާލައިން ފަށަނީ

Nov 5, 2018
2

ބްރިޓިޝް އެއާވޭސްގެ ފްލައިޓްތައް އިތުރުކޮށް، އާ ތިން އެއާލައިނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފަށަން މަސައްކަތް ފަށައިފި އެވެ.

އެކްސެލް ލަންޑަން ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް) ފެއާގައި ބޭއްވި ބައެއް ބައްދަލުވުންތަކުގެ މައުލޫމާތު ދެއްވަމުން އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ އެމްބެސެޑަރު އަހުމަދު ޝިއާން ވިދާޅުވީ ރާއްޖެ އަށް ދަތުރުކުރާ މުހިންމު އެއާލައިން ތަކުން ވާހަކަ ދައްކަމުންދާ ކަމަށެވެ.

"މިހާރު މިދަނީ މަޝްވަރާ ކުރުމުގެ ސްޓޭޖެއްގައި. އަޅުގަނޑުމެން މި ދެނީ އެ ބޭފުޅުންނަށް މާކެޓު އޮތް ވަރުގެ މައުލޫމާތު،" ޝިއާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއް އެއާލައިން ރާއްޖެ އަށް ފަށަނީ ސީދާ އިނގިރޭސިވިލާތުން ކަމަށާ، އަނެއް އެއާލައިން ފަށަނީ ޔޫރަޕުން ކަމަށެވެ. އަދި މި އެއާލައިންތައް އަންނަ އަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ޝިއާން ވިދާޅުވި އެވެ.

ރާއްޖެ ޔޫރަޕުގައި އިޝްތިހާރު ކުރުމުގައި އިސް ދައުރެއް އަދާކުރައްވާ ޝިއާން ވިދާޅުވީ ހުޅުލެ-މާލެ ބްރިޖުގެ ސަބަބުން އެއާލައިންްތައް ދަތުރުފަށަން އެހީއަކަށްވާނެ ކަމަށެވެ.

"ކަނޑު ހުރަސްކޮށް ދާކަމަށްވާނަމަ އެމީހުން {އެއާލައިން] ތަކުގެ އިންޝުއަރެންސުގެ އަގު ބޮޑުވެގެންދޭ. އެއާ ކްރޫން މަޑު ކުރަން ޖެހެނީ ތިން ސްޓޯރީއަށްވުރެ މަތީގެ ތަނެއްގައި. އެހެންވެ މި އެއާލައިންތަކަށް އަގު ބޮޑުވޭ. ބްރިޖުގެ ސަބަބުން ކަނޑު ހުރަސްކޮށް މީހުން ނުގެނެވުމުން ހަރަދު ކުޑަވޭ،" ޝިއާން ވިދާޅުވި އެވެ.

ބްރިޓިސް އެއާވޭސްއިން މިހާރު ރާއްޖެއަށް ދަތުރުކުރަނީ ހަމައެކަނި ފިނި މޫސުމުގަ އެވެ. ނަމަވެސް، ބްރިޖު އެޅުމުގެ ސަބަބުން ކްރޫއިން އުފުލަން ލިބުނު ފަސޭހައާއެކު އެ އެއާލައިން މުޅި އަހަރަށް އުދުހެން ފަށަން ދަނީ ތައްޔާރު ވަމުންނެވެ.

އިނގިރޭސިވިލާތުން އާ އެއާލައިނެއް ފަށާއިރު، އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ގައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން 83،311 މީހުން ވަނީ ރާއްޖެ ގޮސްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 75،506 މީހުންނާ އަޅާ ބަލާއިރު 10.3 ޕަސެންޓް އިތުރު ވުމެކެވެ.