މާލޭގެ މަގުތަކާ ގުޅޭ ގޮތުން މުޖުތަމައުގެ ތަފާތު މައްސަލަތަކާއި އެ މައްސަލަ ތަކަށް ރައްޔިތުން އެންމެ އެދޭ އިސްލާހުތައް އަޑު އަހާލުމަށް އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އިސްނެންގެވުމަކަށް "ޖަޒީރާ ހޮޅުއަށި" ގެ ނަމުގައި މިރޭ ފެއްޓި ސިލްސިލާ ބައްދަލުވުމުގެ ފުރަތަމަ ބައި ވަރަށް ޝައުގުވެރި އެވެ. މިރޭގެ ބައި ހާއްސަކޮށްފައިވަނީ މާލޭގެ މަގުމައްޗަށެވެ. މާލޭގެ މަގުތަކާ ގުޅޭ ކަންބޮޑުވުންތަކާއި މައްސަލަތަކާއި އެ ކަންކަމާ ވިދިގެން ރައްޔިތުންނަށް ވިސްނޭ އެންމެ ރަނގަޅު ހިޔާލުތަކަށް މިރޭގެ ޖަޒީރާ ހޮޅުއަށި ހުޅުވާލުމުން އެންމެ މާލޭގެ ޕާކިންއާ ގުޅޭ ޝަކުވާތަކުން ފުނިޖެހުނެވެ.
ޕާކިން މައްސަލައަކީ މާލެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މިހާތަނަށް އައި އިރުވެސް ދެމެހެއްޓެނިވި ހައްލެއް މާލޭގެ ވެހިކަލް ޕާކު ކުރުމުގެ މައްސަލައަށް އެއްވެސް ސަރުކާރަކުން ހޯދައިދެވިފައެއް ނުވެ އެވެ.
ގޭގޭގެ ދޮރު ކުރިމަތީގަ އާއި އެއްވެސް ހަމައެއް ނެތި ޒަމާންތަކެއް ވަންދެން ބޭނުން ނުކޮށް އުކާލަން ބަހައްޓާ އުޅަނދުތައް މާލޭގެ މަގުތަކުގެ ބޮޑު ޖާގައެއްގައި "ގުދަން" ކޮށްފައި ބަހައްޓާ މައްސަލަތައް މިރޭގެ ހޮޅުއަށީގެ ބައިވެރިން އިބޫގެ ސަމާލުކަމަށް ގެނަ އެވެ. އަދި ހާއްސަކޮށް ހަރުދަނާ ޕާކިން ނިޒާމެއް ނެތުމުގެ މައްސަލަ މިރޭ ވާހަކަ ދެއްކި ހުރިހާ އެންމެން ކަހަލަ ގޮތަކަށް ވަނީ ފާހަގަކޮށްފަ އެވެ. މި ނޫނަސް، މާލެ ފެހި ކުރުމަށް މަގުތަކުގައި ރުއްގަސް އިންދުމާއި ގެތަކުން މަގުމައްޗަށް ފެން އެޅޭ ގޮތަށް ހުންނަ ތަންތަން ރަނގަޅުކޮށް، ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ހަރުދަނާ ނިޒާމްތަކެއް ސިޓީ ކައުންސިލް ބާރުވެރި ކުރުވައިގެން ތަންފިޒުކޮށްދިނުމަށް މިރޭގެ ބައިވެރިން ވަނީ ހިޔާލު ހުށަހަޅާފަ އެވެ.
ޖަޒީރާ ހޮޅުއަށި ޕްރޮގްރާމަކީ، ރައްޔިތުންގެ ހިޔާލާއި ފިކުރު ހޯދައިގެން ރައްޔިތުން އެދޭ ވެރިކަމެއް ރާއްޖޭގައި ގާއިމްކޮށްދެއްވާނެ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅުގެ މަގްސަދު ހާސިލްކުރުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. ސިލްސިލާކޮށް ކުރިއަށްގެންދަން ނިންމާފައިވާ ދޮޅުގަޑިއިރުގެ މި ޕްރޮގްރާމްގެ އެކި ބައިތަކުގައި އަބަދުވެސް ގެނެސްދޭނީ މުޖުތަމައުގެ ތަފާތު މައްސަލަތަކާ ގުޅުވައިގެންނެވެ. ޖަޒީރާ ހޮޅުއަށި މާލެއިން ފެށި ކަމުގައިވިޔަސް، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން ރަށްރަށުން ވެސް ތަފާތު މައްސަލަތަކާއިގެން ޖަޒީރާ ހޮޅުއަށި ބާއްވަމުންގެންދާނެ އެވެ.