ޖަޒީރާ ރާއްޖެއެއް ބިނާކުރެވޭނީ މާލެ ހިތްފަސޭހަ ތަނަކަށް ހަދައިގެން ކަމަށާއި އެކަން ކުރެވެން އޮތީ ހަރުދަނާ ގޮތެއްގައި ލާމަރުކަޒީ ނިޒާމެއް ތަންފީޒުކޮށްގެން ކަމަށް އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫގެ އިސްނެންގެވުމަކަށް ރާއްޖޭގައި ހުރި ތަފާތު މައްސަލަތަކާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް މިރޭ ފެށި "ޖަޒީރާ ހޮޅުއަށި" މަޝްވަރާ ބައްދަލުވުން ސިލްސިލާ ފެއްޓެވުމަށް ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ވިދާޅުވީ، ދިވެހިންގެ ހިޔާލާ އެއްގޮތަށް ކަންކަން ކުރެވޭނީ ބާރުތައް ވަކިކުރެވިގެން މިހާރަށްވުރެ ރަނގަޅަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގިގެން ކަމަށެވެ. އެކަމަށްޓަކައި ލާމަރުކަޒީ ނިޒާމެއް ފުރިހަމައަށް ގާއިމްކޮށް ތަންފީޒުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ކައުންސިލްތަކަށް ރައްޔިތުންނާ ގުޅުންހުރި ކަންކަން ކުރުމުގެ ބާރުވެރިކަން ދޭނެ ކަމަށެވެ. ލާމަރުކަޒީ ނިޒާމު ފައްކާކުރާނެ ކަމަށެވެ.
"ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ރައްޔިތުން ބޭނުންވާ ގޮތަށް ދިނުމަށް ރައްޔިތުންގެ އަޑު އަހަންޖެހޭ. މި ސަރުކާރުގެ މަސައްކަތްތައް ބިނާވެގެންދާނީ ރައްޔިތުންގެ މަޝްވަރާއާއި ރައްޔިތުންގެ އަޑުއެހުމާ އެކީގައި،" އިބޫ ވިދާޅުވި އެވެ.
އިބޫ ވަނީ މިރޭ ފެށި ޖަޒީރާ ހޮޅުއަށި ޕްރޮގްރާމް ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އެ މަޝްވަރާ ބައްދަލުވުންތަކުގައި އެރަށެއްގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކާއި ހިޔާލުތައް އަޑުއައްސަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.
"ރައްޔިތުން ބޭނުންވެފައިވާ ކަންތައްތައް ކުރުމަށްޓަކައި ރައްޔިތުންގެ އަޑުއެހުމަށް ރަށްތަކަށް ދާނަން،" އިބޫ ވިދާޅުވި އެވެ.
އިބޫގެ އިސްނެންގެވުމާއެކު މިރޭ ފެށި ޖަޒީރާ ހޮޅުއަށީގެ މިރޭގެ ބައި ހާއްސަކޮށްފައިވަނީ މާލޭގެ މަގުމައްޗަށެވެ. މިރޭގެ ޕްރޮގްރާމުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކާއި އެކަންކަން ރަނގަޅު ކުރަން ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކުގެ ހިޔާލުތަކެއް ވެސް ހުށަހަޅާފަ އެވެ.