ހަބަރު

އައްޑޫ ސިޓީއިން ނަޝީދަށް ހޫނު މަރުހަބާއެއް!

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެ ސިޓީގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ. ނަޝީދަށް މަރުހަބާ ދެންނެވުމަށް އައްޑޫ ސިޓީ ޒީނަތްތެރިކޮށްފައިވާއިރު އެމަނކުފާނާ ސަލާމްކުރުމަށް އެތަކެއް ސަތޭކަ ބަޔަކު ވަނީ ގަސް އެއާޕޯޓަށް އެއްވެ ދިގު ކިޔޫތަކެއް ދަމާލާފަ އެވެ.

ރައީސް ނަޝީދަށް ބޮޑު ތަރުހީބެއް އޮންނަ އައްޑޫ ސިޓީއިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ނަޝީދުގެ މި ދަތުރުފުޅަކީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެކަމުގެ އުފާ، އައްޑޫގެ ރައްޔިތުން ނަޝީދާއެކު ފާޅުކުރަމުންދާއިރު ގިނަ ބަޔަކު ދަނީ އެމަނިކުފާނާއެކު ހުއްޓި ފޮޓޯވެސް ނަގަމުންނެވެ.

ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބުދުﷲ މުހައްމަދު ގަވާއިދާ ހިލާފަށް ހައްޔަރު ކުރި ކަމަށްބުނެ އެމަނިކުފާނުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާކަމަށް ނިންމާ 13 އަހަރަށް ޖަލަށްލާން ހުކުމް ކުރިފަހުން، ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ތިން އަހަރު ފަހުން ނަޝީދު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ މިހާރު ވަނީ ސުޕްރީމްކޯޓަށް ރިވިއުއަށް ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ވަކި ގޮތަކަށް އެކޯޓުން ނިންމަންދެން އެހުކުމް ތަންފީޒު ކުރުން ވަގުތީގޮތުން މަޑުޖައްސާލުމަށް ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް ސްޕްރީމްކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރައީސް ނަޝީދު އެންމެ ފުރަތަމަ އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެހެން ނަމަވެސް އައްޑޫއަށް ކުރަމުން އައި ވިއްސާރައާއި ގުޅިގެން އެ ދަތުރު ފަސްކުރެއްވީ އެވެ.