ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ބޭނުންކުރާ ރަސްމީ ގައިޑުގެ އަންނަ އަހަރުގެ އެޑިޝަން މިއަދު ލޯންޗުކޮށްފި އެވެ
މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2019" ލޯންޗުކޮށް ދެއްވީ، އިނގިރޭސިވިލާތުގައި ކުރިއަށް ދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ފެއާގައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ.
ޓޫރިޒަމް އިޝްތިހާރު ކުރުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް އެޖެންސީ، މޯލްޑިވްސް ޕްރޮމޯޝަން ހައުސް އިން ތައްޔާރުކުރި މި ގައިޑު، ކުރީ އަހަރުތަކުގެ ގައިޑުތަކާ ވަރަށް ތަފާތެވެ. އެގޮތުން، މި ޒަމާނަށް ފެތޭ ޑިޒައިނެއް ވަނީ ބޭނުންކޮށްފަ އެވެ. އަދި ރާއްޖޭގެ ރީތިކަން ފެންނާނެ ފަދަ ގިނަ ފޮޓޯތަކާއި މެޓީރިއަލްތައް ވަނީ ހިމަނައިފަ އެވެ. މިއީ މިހާތަނަށް ތައްޔާރުކުރި، އެންމެ ގިނަ މައުލޫމާތު ހިމެނޭ ރަސްމީ ގައިޑެވެ. އެގޮތުން، 100 އަށް ވުރެ ގިނަ ރިސޯޓް، ގެސްޓްހައުސް، ހޮޓަލް، ސަފާރީ އަދި ޓްރެވަލް އެޖެންސީގެ ފޮޓޯ އާއި އެ ތަންތަނުން ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތަކާ ބެހޭ މައުލޫމާތު ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ވެސް، ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓް، ގެސްޓްހައުސް، ހޮޓަލް، ސަފާރީ އަދި ޓްރެވަލް އެޖެންސީ ގައިޑުގައި ލިސްޓުކޮށްފައިވެ އެވެ.
"އެމްއެމްޕީއާރުސީގެ ދައުވަތަކަށް، ރާއްޖޭގެ ރަސްމީ ގައިޑް ނެރެދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" މޯލްޑިވްސް ޕްރޮމޯޝަން ހައުސްގެ އެމްޑީ އިބްރާހިމް މަހުދީ ވިދާޅުވި އެވެ.
"އެހެން ފަހަރުތަކާ ތަފާތުކޮށް، ވީހާ ވެސް ގިނަ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ގައިޑުގެ ސަބަބުން، ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީންނާއި އިންޑަސްޓްރީގެ ފަރާތްތަކުން ކުރަމުން ގެންދާ ބުރަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން."
"މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2019"ގެ 48،500 އަށް ވުރެ ގިނަ ކޮޕީ، އަންނަ އަހަރު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބަހާނެ އެވެ. މި ގައިޑް 10 ބަހުން ނެރޭނެ އެވެ. އެއީ އިނގިރޭސި، ޖާމަން، ޗައިނީޒް، ޖަޕަނީޒް، ކޮރެއަން، ސްޕެނިޝް، އިޓާލިއަން، ފްރެންޗު، ރަޝިއަން އަދި ޓާކިޝް ބަހެވެ.
ޓޫރިޒަމް އިޝްތިހާރުކުރުމުގައި ގެންގުޅޭހަ ދާއިރާއެއްގެ ލީފްލެޓުތަކުގެ އާ އެޑިޝަން ވެސް ވަނީ ޑަބްލިއުޓީއެމްގައި ލޯންޗުކޮށްފަ އެވެ. އެ ހަ ދާއިރާއަކީ "ކަލަފުލް ސައިޑް އޮފް ލައިފް"، "ފަން ސައިޑް އޮފް ލައިފް" "ސްޕިރިޗުއަލް ސައިޑް އޮފް ލައިފް"، "ތްރިލިން ސައިޑް އޮފް ލައިފް"، "ރޮމޭންޓިކް ސައިޑް އޮފް ލައިފް"، "ކަލްޗަ އެންޑް ހެރިޓޭޖް" އެވެ. މި ދާއިރާތަކުން ޖުމްލަ 250،000 އަށް ވުރެ ގިނަ ކޮޕީ، އަންނަ އަހަރު ބާއްވާ ޓޫރިޒަމް އެކި އިވެންޓުތަކުގައި ބަހާނެ އެވެ.