ހަބަރު

ލީޑަރުންގެ "ޑީލްތައް" ރައްޔިތުންނާ ހަމައަށް ތިލަކުރަން ގޮވަނީ

ވަރުގަދަ ކޯލިޝަނެއް ހެދުމަށް ހަތަރު ލީޑަރުންނާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ސޮއި ކުރައްވާފައިވާ އެގްރިމެންޓްގައި ހިމެނޭ ކަންކަން ހާމަކުރުމަށް ގޮވަން ފަށައިފި އެވެ.

އެގޮތަށް ގޮވާލަން ފެށީ އެ އެގްރިމެންޓްގައި އިލެކްޝަން ކޮމިޝަން، އީސީއިން ގޮނޑި ގެއްލުވާލި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދޭން ކޯލިޝަނުން ނިންމާފައިވާކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހާމަކުރެއްވުމާއެކު އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކޮށް އެއީ ޑިމޮކްރަސީގެ ހަމަތަކާ ހިލާފު ކަމެއް ކަމަށް ބުނެފައިވެ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވީ އިބޫ ހުވާކުރެއްވުމުގެ ކުރިން ލީޑަރުން ހަދާފައިވާ "ޑިލްތައް" ހާމަނުކުރާނަމަ އެއްވެސް ލީޑަރަކަށް އިތުބާރު ނުކުރެވޭނެ ކަމަށެވެ. އިބޫ ވަނީ އޭނާގެ ސަރުކާރުގެ ކަންކަން ކުރިއަށް ގެންދާނީ ދެފުށް ފެންނަ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެގްރިމެންޓްގައި ރައްޔިތުންގެ މަސްލަހަތާ ގުޅޭ ކަންކަމާމެދު ވެފައިވާ އެއްބަސްވުންތައް އާންމު ނުކުރާތީ އަމާޒުވާ ފާޑުކިޔުންތައް ގިނަ އެވެ.

އެ އެގްރިމެންޓްގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ކޯލިޝަންގެ އިއްތުފާގުން ހޮވާފަ އެވެ. އަދި މިހާރު އާންމުވެފައިވާ ގޮތުން 22 މިނިސްޓަރުން ތިއްބަވާ އިބޫގެ ކެބިނެޓް ވެސް ޕާޓީތަކަށް ވަނީ ބައި އަޅާފަ އެވެ. އެގޮތުން ކެބިނެޓްގެ 40 ޕަސެންޓް ދޭނީ އެމްޑީޕީއަށެވެ. ރައީސް މައުމޫންއަށް 20 ޕަސެންޓް ދޭއިރު ޖުމްހޫރީ ޕާޓީއަށް ވެސް ދެނީ 25 ޕަސެންޓެވެ. އަދާލަތު ޕާޓީއަށް ދޭން ނިންމާފައިވަނީ 15 ޕަސެންޓް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޭނގެ ކޯލިޝަންގެ އެއްބަސްވުމެކޭ ކިޔާފައި ދޭތެރެ ދޭތެރެއިން ކޮންމެ އެއްޗެއް ވެސް ނެރެލާނެ، އިބޫއަށް އޮތީ ކިހާ ބާރެއް ކަމެއް ވެސް ނޭނގެ،" ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.

އިތުރު މީހަކު ބުނީ؛ "އެގްރިމެންޓް ހާމަވެފައި އޮންނަން އެބަޖެހޭ، އެންމެ ބޮޑު މަގުސަދު ވަނީ ހާސިލްވެފަ، އެއީ އިލެކްޝަން ކާމިޔާބު ކުރުން، ދެން ހުރި ކަންކަމަކީ ރައްޔިތުންނަށް ގަބޫލު ކުރެވޭ ޑީލްތަކެއްތީ ގައުމުގެ ހައްގުގަ ކުރާ ކަމަކީ ބަދަލެއް ލިބުމަށް އެދި ކޮށްފައިވާާ ކަންކަން ނަމަ ވަރަށް ހުތުރު،" ކަމަށެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ކޯލިޝަންގެ މިސްރާބު މިހާރު ހުރީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާލަށެވެ. ކޯލިޝަންގެ ތެރެއިން ޓިކެޓް ދޭން ނިންމާފައިވާއިރު އެކަމާ ގުޅޭ މަޝްވަރާތައް ވެސް 1819 ކޮމެޓީގައި އަނެއްކާވެސް ކުރާނެ ކަމަށް ބެލެވެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯލިޝަނަށް މެޖޯރިޓީ ލިބޭ ގޮތަށް ޕާޓީތަކުން އެއްބަސްވާން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގައި އެ ޕާޓީއިން ދެކޭ ގޮތް ކޮމެޓީއަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓިކެޓް ދިނުމުގެ މައްސަލާގައި މިހާރު ވެސް ހޫނު ބަހުސްތައް ކުރަމުންނެވެ. ބާރަ މެންބަރުންނަށް ޓިކެޓް ދޭތީ އެމްޑީޕީގެ އާންމު ގިނަ މެންބަރުން ރުޅިގަދަވެފައިވެ އެވެ. އެ މީހުން ދެކޭ ގޮތުގައި އެ 12 މެންބަރުންނާ އެއްވަރުގެ ގުރުބާނީއެއް އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ވަނީ ވެފަ އެވެ. އަދި އެ 12 މެންބަރުންނަކީ މަގުބޫލުކަން ކުޑަ މެންބަރުންތަކެއް ކަމުން އެ މެންބަރުން ނެރެގެން ކޯލިޝަނަށް ގެއްލުންވެދާނެ ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ.