ފައިނު

ފައިނު އެއާޕޯޓަށް 5،000 ގަސް ކަނޑަންޖެހޭ، ތިމާވެއްޓަށް އަސަރުކުރާނެ: އީއައިއޭ

ރ. ފައިނުގައި އަޅަން ހަމަޖެހިފައިވާ އެއާޕޯޓްގެ މަސައްކަތަކަށް 5،000 އަށްވުރެ ގިނަ ގަސް ކަނޑަަން ޖެހޭ ކަމަށާއި އެއީ ތިމާވެއްޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް އެ މަޝްރޫއުއަށް ތައްޔާރުކުރި އެންވާރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް، އީއައިއޭ ރިޕޯޓްގައި ބުނެފި އެވެ.

ގުދުރަތީ ގޮތުން ރީތި، ހިތްގައިމު ސިފަތަކެއް ލިބިފައިވާ ފައިނު، އެއާޕޯޓް އެޅުމަށް ހަލާކުކޮށްލުމާ ދެކޮޅަށް އެ ރަށުގެ ބައެއް ރައްޔިތުން އަޑު އުފުލައި، އިދާރާތަކަށް މީގެކުރިން ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ. އީޕީއޭއިން ނެރުނު އީއައިއޭ ރިޕޯޓަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ފައިނުގައި އަޅާ އެއާޕޯޓްގައި 1320 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއި، 60 މީޓަރު ދިގު 15 މީޓަރު ފުޅާ ޓެކްސީވޭ އަކާއި 227.5 މީޓަރު ދިގު 45 މީޓަރު ފުޅާ އޭޕްރަން އޭރިއާއެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އެއާޕޯޓު އެޅުމަށް ރަށުގެ ބިމުން 20.8 ހެކްޓަރު އަދި ފަޅު ހިއްކައިގެން 8.3 ހެކްޓަރު ބިން ހޯދާނެ އެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއައް ގެންދަން ނިންމަވާފައިވަނީ ތިން ބަޔަކައް ބަހާލެވިގެނެވެ. ފުރަތަމަ ބައިގެ މަސައްކަތްތަކުގައި ހިމެނެނީ ރަށުގެ ދެފަރާތުން ބިން ހިއްކުމާއި، އެއާޕޯޓް އިމުގެ ތެރޭގައިވާ ގަސްތައް ހުސް ކުރުމާއި، އެއާޕޯޓުގެ ރަންވޭ، އޭޕްރަން، ޓެކްސީވޭ، ޓާމިނަލް އަދި އަލިފާން ނިވާ ވަސީލަތްތަކާއި އިމާރާތްތައް ހެދުމެވެ. ދެވަނައަށް ކުރިއަށް ގެންދާނީ އެއާޕޯޓުގައި މަސައްކަތް ކުރާމީހުން ދިރިއުޅުމަށް ހެދޭ ގެތަކާއި، އޭޓީސީ އާއި އޮފީސް އިމާރާތްތައް ހެދުމެވެ. ތިންވަނައަށް ކުރިއަށް ގެންދާނީ ތެޔޮ ރައްކާކުރެވޭ ތަންތަނާއި، މަތިންދާބޯޓުގެމަރާމާތު ކުރެވޭނެ ސަރަހައްދެކެވެ.

އީއައިއޭ ރިޕޯޓްގައިވާ ގޮތުން ފައިނު އެއާޕޯޓްގެ ސަބަބުން ތިމާވެއްޓަށްއެކިވަރުގެ ގެއްލުން ތަކެއް ލިބޭނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ތެރޭގައި ތިމާވެއްޓަށް އެންމެ ބޮޑު ގެއްލުމެއްވަނީ ގިނަ އަދަދެއްގެ ރުއްގަސް ކަނޑަން ޖެހޭތީ ކަމަށެވެ.

ފައިނުގައި އެއާޕޯޓް އެޅުމަށް ރަށުގައި ގަސް ހެދިފައިވާ ސަރަަހއްދުގެ 38 ޕަސެންޓް ސުންނާފަތިކުރަން ޖެހެ އެވެ. ރިޕޯޓްގައިވާ ގޮތުން 5792 ގަހެވެ. މިހާ ބޮޑު ސަރަހައްދަކުން ގަސް ކަނޑާ، އުފުރާ ހުސް ކުރުމުން މިހިސާބުގެ ވެއްޔާއި، ފެންފަށަލައާއި ރަށުގެ ފިނިހޫނު މިނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ކަނޑަން ޖެހޭ ގަސްތަކުގެ ތެރޭގައި ބޮޑެތި ނިކަ ގަސްތަކާއި ފުނަ ގަސް ހިމެނެ އެވެ. އެތައް ސަތޭކަ އަހަރު އަދިވެސް ދުނިޔޭގައި ހުންނާނެ ކަމަށް ބެލެވޭ ބޮޑު 20 ނިކަ ގަސް ފައިނުގައި ހުރިއިރު އޭގެ ތެރެއިން އަށް ގަސް އެއާޕޯޓް އަޅާ ސަރަހައްދަށް އަރާތީ ކަނޑަން ޖެހެ އެވެ.

ބިން ހިއްކުމަށްޓަކައި ފަޅުކޮނެ ހިއްކުމުގެ ސަބަބުން މޫދާއި ފަރުތަކަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެއާޕޯޓްގެ މަސައްކަތަށް ގެންނަ އުޅަނދުތަކުން ތެޔޮ ލީކުވެ ބިމަށް
އެޅުންވެސް އެކަށީގެންވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ސިއްހީ، އިޖުތިމާއީ، އިގްތިސޯދީ ފައިދާ ލިބޭނެ

ރިޕޯޓްގައިވާ ގޮތުން މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް ރަށުގެ އިޖްތިމާއީ އަދި ސިއްހީ ގޮތުން ފައިދާތަކެއް ކުރާނެ އެވެ. އެއާޕޯޓް އަޅާނިމި ހިންގަންފެށުމުން ފައިނާއި ކައިރި ރަށްތަކަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ ރަށުގެ އެހެނިހެން ތަރައްގީއަށް މަގުފަހިވާނެ ކަމަށެވެ.

ފައިނު ކައިރީގައި އިތުރު މީހުން ދިރިއުޅޭ ތިން ރަށާއި، އެތަކެއް ރިސޯޓުތަކާއި، ހަދަމުންގެންދާ ރިސޯޓުތަކުގެ އިތުރުން ތަރައްގީ ކުރުމަށްޓަކައި ކުއްޔަށް ދީފައިވާ ފަޅުތައްވެސް ހިމެނެއެވެ. އެހެންކަމުން ފައިނުގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓަކީ މިރަށްތަކަށް އިތުރު ތަރައްގީ އާއި މަންފާއަށް ލިބިގަތުމަށް އެޅޭ އެއާޕޯޓެއް ކަމަށް ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައި ފާހަގަކުރި ގޮތިގައި ރިސޯޓުތަކަށް ދަތުރުކުރުމަށް ހޭދަވާ ވަގުތު ކުޑަވުމުގެ ސަބަބުން، ފަތުރުވެރިންގެ ޝަކުވާ މަދުވެ، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވެ އާމްދަނީ އިތުރުވުމަށް މަގުފަހި ވެގެން ދާނެ އެވެ.

ފައިނު އެއާޕޯޓް މަޝްރޫއަށް ގެނެވިދާނެ ބައެއް ބަދަލުތައް ރިޕޯޓްގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ބިން ހިއްކުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ބައްޓަން ބޮޑަށް ވައްކޮށްލުމަށް ވަނީ ލަފާ ދީފަ އެވެ. އޭގެއިތުރުން، ބަނދަރުން އެއާޕޯޓަށް ދާން ހަމަޖެހިފައިވާ މަގު، ގޮނޑުދޮށުން 20 މީޓަރު ގެ ޖާގަ ވާނެހެން މަގު ހެދުމަށް ވަނީ ލަފާދީފަ އެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރާ ފައިނަކީ 467 މީހުންގެ އާބާދީއެއް އޮންނަ 59 ހެކްޓަރުގެ ރަށެކެވެ.