ހަބަރު

ސްކޫލްތައް ބަންދުކުރާނީ ދަރިވަރުން އަތަށް ޓެބްލެޓް ދީފައި: މިނިސްޓްރީ

މި އަހަރުގެ ކިޔެވުން ނިމި ފަށާ ބޮޑު ބަންދަށް ސްކޫލްތައް ލައްޕާލާނީ ކުދިންގެ އަތަށް ޓެބްލެޓް ހަވާލުކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ގްރޭޑް 1-12 އާ ހަމައަށް ކިޔަވާ ހުރިހާ ދަރިވަރުންގެ އަތަށް ޓެބްލެޓް ދިނުމަށް ނިންމައި، އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު ފެށި ޓެބްލެޓް މަޝްރޫއުގެ މަޝްރޫއުގެ އެކި މަސައްކަތްތައް މިނިސްޓްރީން ކުރިން ދިން ޑެޑްލައިންތަކަށްވުރެ މާ ބޮޑަށް ވަނީ ދިގުލައިގެން ގޮސްފަ އެވެ.

ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު "އަވަސް" އަށް ވިދާޅުވީ، ޓެބްލެޓް މަޝްރޫއު ފެއިލް ނުވާ ކަމަށެވެ. ބެލެނިވެރިންނާއި ކުދިން އުންމީދުކުރި ގޮތަށް އެހާ އަވަހަށް ހުރިހާ ކުދިންނަށް ޓެބްލެޓް ހަވާލުނުކުރެވުނީ އޭގެ ކުރިން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ފުރިހަމަކުރުމަށް ވަގުތު ބޭނުންވުމުން ކަމަށެވެ. އަދި ވިދާޅުވީ، އަލަށް ފަށައިގަންނަ މި ފަދަ ބޮޑު މަޝްރޫއެއް ކުއްލިއަކަށް ފަށައިގަތުމަކީ ގޮންޖެހުން ބޮޑު އުނދަގޫ ކަމަކަށް ވާތީ ދިގުލައިގެން ދިޔައީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުދިންގެ އަތަށް ޓެބްލެޓް ދިން ނަމަވެސް، އެތަކެތި ބޭނުންކުރާ ޝެޑިއުލްއާއި ބޭނުންކުރަންވީ ގޮތަކީ އެ ސްކޫލަކުން ނިންމާ ކަމެކެވެ.

"މިހާތަނަށް އައި އިރު ވަރަށް ބައިވަރު މަސައްކަތްތަކެއް މިވަނީ ކުރެވިފަ. ޓީޗަރުން ތަމްރީންކުރި. ހުރިހާ ސްކޫލެއް އެއް ވިއުގައަކުން ގުޅާލެވިއްޖެ. ދިރާގާއެކު އިންޓަނެޓް ގުޅުންތައް ރަނގަޅުކުރަން އެކި ފަހަރު މަތިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ކުއްޖަކު ނުބައި ތަނަކަށް ވަދޭތޯ ބެލުމަށާއި އަމިއްލަ އެޕްލިކޭޝަން ޑައުންލޯޑް ކުރޭތޯ ނުވަތަ އެކަން މާނާ ކުރުމަށާއި ސްކޫލުން ޓެބްލެޓްތަކަށް ފޮނުވަން ބޭނުންވާ ތަކެތި ފޮނުވުން ފަދަ ކަންކަމަށް ފަހިވާގޮތަށް ސޮޕްޓްވެއާއެއް ބިލްޑް ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔަ. އެމެރިކާގެ ޓެކްނިކަލް އެހީއާއެކު މިހާރު އެ ސޮފްޓްވެއާވެސް ފައްކާކޮށް ނިމިއްޖެ،" ޝަފީއު ވިދާޅުވި އެވެ.

މި އަހަރު ނިމުމުގެ ކުދިން ހުރިހާ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް ޓެބްލެތް ހަވާލުކުރާނެ ކަމަށް ޝަފިއު ވިދާޅުވެފައިވާއިރު، މިނިސްޓްރީން ބުނިގޮތުގައި އަތޮޅުތެރޭގެ ހިރިހާ ސްކޫލަކަށް އެ ސްކޫލެއްގެ ދަރިވަރުންނަށް ވާވަރަށް ޓެބްލެޓްތައް ވަނީ މިހާޜު ފޮނުވާފަ އެވެ. ޓެބްލެޓް ނުދެވި މިހާޜު ހުރީ މާލޭގެ ބައެއް ސްކޫލްތަކަށް ކަމަށް ވިދާޅުވި އެވެ. އެއީ އެންމެ ފަހުގެ ތެބްލެޓް ޝިޕްމަންޓް މިކޮޅަށް އައުމުގައި ލަސްތަކެއް ދިމާވުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމާ މި އަހަރު ނިންމާލުމުގެ ކުރިން ހުރިހާ ކުދިންނަށް ޓެބްލެޓް ހަވާލުކުރާނެ ކަމުގެ ވަރަށް ބޮޑު އުންމީދެން ދެން. ފަހަރެއްގައިވެސް ކުދިންނަށް އެ ތަކެތި ނުދޭކަށް ނޫން. އެހެން ނަމަވެސް މިވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރާއިރު، މަގްސަދް ހާސިލްކުރެވެން ކުރަންހުރި ހުރިހާ ކަމެއް ފުރިހަމަކުރަން އެބަޖެހޭ. މިއީ އަޅުގަނޑުމެންނަށް ވެސް މުޅިން އާ ކަމެއް. ޓެކްނިކަލީވެސް ކުރިން ދިމާ ނުވާ މައްސަލަތަކެއްވެސް ދިމާވޭ މިކަން ކުރަމުންދާ ވަރަކަށް،" ޝަފީއު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ގެންނަ އެންމެ ފަހުގެ ޝިޕްމަންޓް ޑިސްޓްރިބިއުޓްކޮށް ނިމުމުން ހުރިހާ ސްކޫލެއް ކަވާ ވާނެ ކަމަށެވެ. އޭގެ ފަހުގައި ކޮންފިގަރޭޝަންއާއި ޔުސާ ނޭމް ތައް ސެޓްކޮށް، މި އަހަރު ނިންމާލުމުގެ ކުރިން ސްކޫލްތަކުން ކުދިންނާ ހަވާލުކުރާނެ ކަމަށެވެ.

ސަރުކާރު ހުރިހާ ސްކޫލެއްގެ ކުދިންނަށް ދިނުމަށް ސަރުކާރުން ވަނީ 70،000 އަށްވުރެ ގިނަ ޓެބްލެޓް ގަނެފަ އެވެ. އަށް އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖް ކެޕޭސިޓީގައި 16 ޖީބީ ހުންނަ އެ ޓެބްލެޓް ތައް ގަތީ އެއްޗަކަށް 135 ޑޮލަރުގެ ރޭޓުންނެވެ.