ހަބަރު

ޗުއްޓީގައި ކުނި ނަގަން ބޭނުންނުވާ ނަމަ އަންގަން އެދިއްޖެ

ކުރިއަށް މި އޮތް ބޮޑު ޗުއްޓީގައި މާލެއިން ބޭރަށް ދާ ފަރާތްތަކަށާއި ކުނި ނެގުން މިވަގުތަށް ވަގުތީކޮށް ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކުން އެކަން އެންގުމަޘށް ވޭސްޓް މެނޭޖްމަންޓް ކޯޕޮރޭޝަން (ވެމްކޯ) އިން ފުރުސަތު ހުޅުވާލައިފި އެވެ.

ވެމްކޯ އިން ރޭ ކުރި އިއުލާނެއްގައި ބުނީ، ގޭބިސީ ތަކާއި ވެމްކޯގެ ހިދުމަތް ހޯދާ އެނޫންވެސް ފަރާތްތަކުން ހިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ބޭނުންވާނަމަ، ހިދުމަތް މެދުކަނޑާލަން ބޭނުންވާ ތާރީހުގެ ފަސް ދުވަސް ކުރިން އެކަމާ ގުޅޭ ފޯމް ފުރުމަށްފަހު ވެމްކޯއަށް ހުށަހެޅުމަށެވެ.

ނަމަވެސް ހިދުމަތް މެދުކަނޑާލެވޭނީ ކުނި ނެގުން ހުއްޓާލަން އެެދޭ މުއްދަތު ފަސް ދުވަހަށްވުރެ އިތުރުވާނަމަ އެވެ. ކުނި އުކުން ވަގުތީ ގޮތުން މެދުކަނޑާލަން އެދޭ ފޯމް ވެމްކޯއިން މިހާރު ދޫކުރާނެ އެވެ. އަދި ވެމްކޯގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެ އެވެ.

ނޮވެމްބަރު ފަހުކޮޅުން ފެށިގެން، ޖެނުއަރީ މަހުގެ ކުރީ ކޮޅާ ހަމައަށް އަންނަ ދުވަސްތަކަކީ ގިނަ އަދަދެއްގެ ބަޔަކު މާލެއިން ބޭރަށް ދާ ދުވަސްވަރެކެވެ. އެހެންކަމުން ރަށުން ބޭރަށް ދާއިރު، މި ފޯމް ވެމްކޯއަށް ލާފައި ދިޔުމުން، އެ ފަރާތްތަކުން ރަށުގައި ނުތިބޭ ދުވަސްތަކަށް ވެމްކޯއަށް ބިލް ދައްކާކަށް ނުޖެހޭނެ އެވެ.