ރީކޯ މޫސާ މަނިކު

މޫސަގެ ހިތް މައުމޫންއަށް ސާފުވެއްޖެ، ދެން އެއްޗެއް ނުކިޔާނެ!

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކެވެ. އޭނާ ސިޔާސީ ގޮތުން ދެއްވާ ކޮންމެ ތަގުރީރެއްގައި ވެސް ރައީސް މައުމޫންއާ ދިމާލަށް ކޮންމެވެސް ހަމަލާއެއް ފޮނުވަ އެވެ. ރައީސް މައުމޫންގެ އަނިޔާވެރިކަމާއި ހުދުމުހުތާރު ވެރިކަމެއްގެ ވާހަކަ އެންމެ ގިނައިން ދެއްކެވީ މޫސަ އެވެ. އެމަނިކުފާނުގެ ސަރުކާރު ބަދަލުކުރުމުގައި ވެސް އެންމެ އިސް ސަފުގައި މޫސަ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެ އެވެ. ރައީސް މައުމޫންއާ ދެމެދު މޫސަގެ އޮތް ރުޅިވެރިކަމާއި ގިލަންވެރިކަން މިހާރު ވަނީ ނެތިގޮސްފަ އެވެ. ކީއްވެ ހެއްޔެވެ؟

އޭނާގެ ހިތް ރައީސް މައުމޫންއަށް ސާފުވި ސަބަބު ފުރަތަމަ ފަހަރަށް މޫސަ ކިޔައިދެއްވީ "އަވަސް ހުކުރު" ޕްރޮގްރާމަށެވެ. މިއަދު އަވަސްއިން ގެެނެސްދިން "އަވަސް ހުކުރު" ޕްރޮގްރާމަށް މޫސަ ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވީ، އޭނާ އަބަދުވެސް ދެއްކީ ޖަލަށްލުމާއި ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަމުގެ ވާހަކަ ކަމަށެވެ. އެ އަނިޔާ ރައީސް މައުމޫނަށް މިހާރު އިހްސާސް ކުރެވޭނެ ކަމަށެވެ.

އެއް ބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް މައުމޫން އަށް މަސް ދުވަހު ޖަލުގައި ގެންގުޅުނެވެ. އެމަނިކުފާނުގެ އިތުރުން ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް އެތައް ދުވަހަކު ޖަލުގެ ކުޑަ ގޮޅީގައި ބޭއްވި އެވެ. ފާރިސް އެއް އަހަރަށްވުރެ ގިނަ ދުވަހު ޖަލުގައި އޮންނެވި އެވެ.

"ރައީސް މައުމޫންގެ ވަރަށް ގިނަ ވާހަކަ އަޅުގަނޑު ދެއްކިން ދެއްތޯ، އަޅުގަނޑު މިއަދު ބުނެލަން ބޭނުން، އަޅުގަނޑު ކީ ހުރިހާ ވާހަކައެއް ނިންމާލައިފިން މިހާރު، އެއީ އަޅުގަނޑު ދެއްކީ ޖަލަށްލުމާއި އަނިޔާގެ ވާހަކަ، ރައީސް މައުމޫން އެ ތަހަމްލު ކުރައްވައިފި، ރައީސް މައުމޫން އެކަން ދުނިޔޭގައި ހުންނަވައިގެން އިހްސާސް ކުރައްވައިފި، ތިމާގެ އަމިއްލަ ދަރިންނާއެކު ކުޑަ ގޮޅީގައި އޮންނަވައިފި،" މޫސާ މަނިކު ވިދާޅުވި އެވެ.

"އަޅުގަނޑު އޮތީ އަޅުގަނޑުގެ ބޭބެ އާއި ދައްތަ އާއި އަޅުގަނޑުގެ ބައްޕަ އާއި ބައްޕަ ކުރިމަތީގައި އަޅުގަނޑު ބިޑި އަޅައިގެން ދެކޮޅަށް ދެމީ، ރައީސް މައުމޫން މިއަދު އިހްސާސް ކުރައްވާނެ އެއީ ކިހާ ވަރެއްގެ އަނިޔާއެއްކަން، އެހެންވީމަ އެ ހިސާބުން ފެށިގެން ރައީސް މައުމޫން ޖަލުން ނުކުމެވަޑައިގެންނެވި ހިސާބުން ފެށިގެން ދުވަހަކު ވެސް ބައްލަވަން ހުރޭ، ދުވަހަކު ވެސް ދެން އަޅުގަނޑެއް ރައީސް މައުމޫން ދުނިޔޭގައި ކިތަންމެ ޒަމާނަކު ހުންނެވިޔަސް އެއްޗެއް ނުކިޔާނަން، އަދި ރައީސް މައުމޫންގެ ބޭފުޅަކަށް ވެސް އެއްޗެއް ނުކިޔާނަން،"

ރައީސް މައުމޫންއާމެދު ޒާތީ އެއްވެސް ކަމެއް ނެތް ކަމަށާާއި އެމަނިކުފާނަށް އިހްސާސް ކުރަން ޖެހިވަޑައިގަތް އަނިޔާގެ ސަބަބުން މިހާރު ހުންނަވާނީ ތައުބާވެފަ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އެހެންވެ އެކަން އެ ހިސާބުން އެ ނިމުނީ ކަމަށް ވިދާޅުވި އެވެ.

"ދުނިޔެއަކީ އަޅުގަނޑުމެން ބޭނުންހާ ގޮތަކަށް އުޅެވޭނެ ތަނެއް ނޫން، އިއްޔެ ރައީސް ޔާމީން ވެސް ވަރަަށް ބާރުގަ އުޅުއްވީ، އެކަމަކު މިއަދު ދިޔައީ ނޫންތޯ ފައިބައިގަނެގެން،" މޫސަ ވިދާޅުވި އެވެ.

"ތިމާ ދުނިޔޭގައި އުޅޭ ގޮތް ތިމާއަށް ދައްކަވާނެ، މީހުންނަށް އަނިޔާ ނުކުރައްޗޭ، ހައްގަށް ނާރައްޗޭ، މިއީ އަޅުގަނޑު ދޭ ނަސޭހަތަކީ،"

މޫސަގެ ހިތުގައި ރައީސް މައުމޫންއާމެދު އެއްވެސް މައްސަލައެއް ނެތް ނަމަވެސް އެމަނިކުފާނާއެކު ސިޔާސީ މަސައްކަތް ކުރެއްވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވިދާޅުވި އެވެ. މޫސަ އެހެން ވިދާޅުވީ އޭނާ މިހާރު ހުންނެވި ޕީޕީއެމްއިން އަލުން ރައީސް މައުމޫންއަށް ލިބެން އުޅޭ ކަމުގެ ވާހަކަތައް ދެކެވޭތީ އެވެ.

"އަޅުގަނޑަށް ޕާޓީއެއް ތެރޭގައި ރައީސް މައުމޫންއާއެކު ނޫޅެވޭނެ، އެއީ ދެން އަޅުގަނޑު ކުރަން ބޭނުންވާ ކަމެއް ނޫން،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން މީހުންނަށް އަނިޔާދީ އަބުރު ކަތިލުމަކީ ރާއްޖޭގައި އާންމުވެފައިވާ ކަމެއް ކަމަށާއި
ނަމަވެސް އެއީ ބަދަލު ކުރަންޖެހޭ ކަމެއް ކަމަށެވެ.