ހަބަރު

މޫސަގެ ބަހުގެ ހަމަލާތައް ޕީޕީއެމްގެ ލީޑަޝިޕަށް!

މިހާރު ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ އަމަލުތައް ހުރި ގޮތުން ދެރަވާ ކަމަށް އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

"އަވަސް ހުކުރު" ޕްރޮގްރާމްއަށް ދެއްވި އިންޓަވިއުގައި މޫސަ ވިދާޅުވީ ސިޔާސީ މައިދާނުގައި ބަލިވާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. "އެއްލަކިން" ރައީސް ޔާމީން ދެވަނަ ދައުރަކަށް ނުހޮވުނު އެންމެ ބޮޑު ސަބަބަކީ ޕީޕީއެމްގެ ލީޑަޝިޕް ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑު މިކަމުގަ ވަރަށް ހިތާމާގަ މި އިންނަނީ އަދިވެސް، އަބްދުލްރަހީމް އެއްޗެއް ވިދާޅުވެދާނެ، ނިހާން އަޅުގަނޑާ ދިމާލަށް އެއްޗެއް ވިދާޅުވެ ދާނެ، އެ ބޭފުޅުން ބޭނުންވާ ގޮތަށް ކަން ނުވުމުން، އެކަކު އަނެއް ކަކު ނުބައި ކުރަނީ،" މޫސަ ވިދާޅުވި އެވެ.

ޕީޕީއެމްގައި ގިނަ މަސައްކަތްތަކެއްކޮށް ދެއްވި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވެސް އިންތިހާބުގެ ނަތީޖާ އައި ގޮތުން ގޯސްވީ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވި އެވެ. "މަސް ނުބޭނުނީމަ ކަނޑު ނުބައިވާ" އުސޫލު އޮވެގެން ނުވާނެ ކަމަށެވެ. ރައީސް ޔާމީން ބަލިވީ ރައްޔިތުން ވޯޓު ނުދިނުމުން ކަމަށް މޫސަ ވިދާޅުވި އެވެ.

"ވޯޓު ގުނާ ނިމުނުއިރު އެމީހުން ގޯސްވީ، އެގޮތެއް އަޅުގަނޑަކަށް ކަމަކު ނުދޭ، ބަލިވީމަ ބަލި ގަބޫލު ކުރަންޖެހޭނެ، އަޅުގަނޑަށް ހީވަނީ ލީޑަޝިޕްގަ އުޅޭ މައްސަލައެއްހެން މިއީ، ހަމަ މޮޅު ވެސް ވެވޭނެ، މި މުޅިން ނިމުނީއެއް ނޫން، ބޮލުގެ ބޭނުންކޮށްގެން އުޅެން އެނގޭ މީހުންނަށް ސިޔާސީ މައިދާނުގަ އުޅެވޭނީ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި އޭނާއަކީ ޕީޕީއެމްއަށް ހުރި އެސެޓެކެވެ. އޭނާއަކީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާ ކުރައްވާ ބޭފުޅެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ފާހަގަކުރެއްވި އެވެ. އެ މަގާމުތަކަށް ކޮންމެ ވެސް ވަރެއްގެ އިހްތިރާމެއް ކުރަންޖެހޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"އެކަން އެހެން ހުއްޓާ އަޅުގަނޑަށް ވެސް އިސްތިއުފާއަށް ގޮވާފާނެ، ގެއަށް ވަދެ ރުޅި އައިސްގެން ދަމުން އަންހެނުންނަށް ވެސް އިސްތިއުފާ ގޮވައިދާނެ، އެ ހިސާބަށް ދާ އެއްޗެއް ނޫން، އެއީ ލީޑަޝިޕް ފެއިލް ވަނީ، ލީޑަޝިޕް ވަރުގަދަ ކުރަން އެބަޖެހޭ، ހަރުދަނާ ލީޑަޝިޕެއްގެ ތެރޭގައި ޕާޓީ ބާއްވަން ޖެހޭ،" މޫސަ ވިދާޅުވި އެވެ.

"ކުރިއަށް މިއޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ވެރިކަން ނެތިއްޔާ މަޖިލިސް ވަރަށް މުހިންމު ވާނެ، ކާކުތޯ އެކަން ކުރަނީ، އަޅުގަނޑުމެންގެ އެބަތިބި ވަރަށް ބައިވަރު މެންބަރުން، ކާކު މަގު ދައްކަނީ، ދެން އެމީހުން ވިއްސި ވިހާލިވެގެން ދާންވީތޯ އެކި ޕާޓީތަކަށް، މުޅި އެތި ރޫޅެންވީތޯ، ރައީސް ޔާމީނަށް ވެރިކަން ނުލިބުމަކީ އަޅުގަނޑުމެންގެ ސިޔާސީ ހަޔާތް ނިމެންޖެހޭ ކަމެއް ނޫނޭނުން، އަނެއްކާވެސް އެކަތިވާންޖެހޭނެ،"

މޫސަ ވިދާޅުވި ގޮތުގައި ދެ އިންތިހާބަކުން ބަލިވުމުން އޭރު އޮތް ލީޑަޝިޕް ދުރަށް ދާންޖެހޭނެ އެވެ. ރައީސް ވެސް ދުރަން ދާން ޖެހޭނެ އެވެ. ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ވަނީ ނާކާމިޔާބުވެފަ އެވެ. މޫސަ ވިދާޅުވި ގޮތުގައި އެ ނަމޫނާ އޭނާ ވާނީ އެމްޑީޕީގެ ތެރޭގައި ދައްކާފަ އެވެ. ނާކާމިޔާބުވުމުން ޗެއާޕާސަންގެ މަގާމު ދޫކޮށްލިކަން ފާހަގަކުރެއްވި އެވެ.

"ޕީޕީއެމްގެ ކޮންގްރެސްއެއް ބާއްވާފައި އަނެއްކާވެސް ހަަމަ އެމީހުން މަގާމުތަކަށް މި އިންތިހާބު ކުރީ، އަޅުގަނޑު ކޮންމެހެން
މަގާމަކަށް އަންނާކަށް ނޫން، އެބަ ތިއްބެވި ދެއްތޯ ފަލާހު ފަދަ ބޭފުޅުން ވެސް، ހިންގުންތެރިކަން ހުރި މީހުން،"

ޕާޓީގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައިގެން 16 ވޯޓު ލިބުމަކީ އޭގެ ޒިންމާ ލީޑަޝިޕުން އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ. އެއީ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ވިދާޅުވި އެވެ.