ހަބަރު

އައިޖީއެމްއެޗްގައި އެޑްމިޓްކޮށް އަދީބަށް ފަރުވާދޭން ފަށައިފި

ޖިނާއީ ބޮޑެތި ކުށްތަކެއް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އަދީބު އެމަޖެންސީގައި މާލެގެނެސްގެން ފަރުވާދޭ ސަބަބެއް ނޭގެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ދެ ފަހަރަކަށް އަދީބު މާލެއަށް ގެނެސް ޑޮކްޓަރަށް ދައްކާފައިވެ އެވެ. އެންމެ ފަހުން ޑޮކްޓަރަށް ދައްކަން ގެނައި ފަހަރުވެސް ވަނީ ޔޫރޮލޮޖިސްޓަކަށް ދައްކައި ޓެސްޓުތަކަކާއި ސްކޭންތަކެއް ހައްދާފަ އެވެ. އެ ފަހަރުވެސް ގެނައީ އައިޖީއެމްއެޗަށެވެ.

މިދިޔަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން އަދީބު ލޮލުގެ ސާޖަރީއެއް ހަދަން ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ކަމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މެޑިކަލް ބޯޑަށް ހުށަހަޅައިގެން ރާއްޖެއިން ބޭރަށް ފޮނުވާ ދިނުމަށް ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން މަސައްކަތް ކުރަމުން ނުދާ ކަމަށްވެސް އާއިލާއިން ބުނެ އެވެ.

އަދީބުގެ ލޮލުގެ ހާލަތު ގޯސްވެފައިވަނީ ލޮލުގެ ނުރައްކާތެރި މައްސަލައެއް ކަމަށްވާ ގޮލޮކޮމާ ޖެހިފައިވާތީ އެވެ. އެކަން އައިޖީއެމްއެޗްގެ ޑޮކްޓަރުން އަދީބަށް އެންގިތާ މިހާރު އެތައް މަހެއް ވަނީ ވެފަ އެވެ. ލޮލުގެ ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އަދީބުގެ ބަލި ހާލަތު ދުވަހުން ދުވަހަށް ގޯސް ވަމުންދާތީ އެކި ސިޔާސީ ފަރާތްތަކުން ދަނީ އަދީބު ބޭސް ފަރުވާއަށް ބޭރަށް ފުނުވުމަށް ގޮވާލަމުންނެވެ. ކުރީގެ ރައީސް މައުމޫން ވެސް ވަނީ، ބޭރަށް ގޮސް ބޭސް ފަރުވާ ކުރުމުގެ ފުރުސަތު އަދީބަށް ދިނުމަށް ގޮވާލައްވާފަ އެވެ.