ހަބަރު

އަދީބުގެ ހާލު ސީރިއަސް: އާއިލާ

އިއްޔެ އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އަދީބުގެ އަންހެނުން މަރިޔަމް ނަޝްވާ މިއަދު ވިދާޅުވީ، އަދީބު މާލެ ގެންނަން ޖެހުނީ، ކިޑްނީގައި ހިލަ އުފެދި، އޭގެ ސަބަބުން އަދީބުގެ ހާލު ގޯސްވަމުން އަންނާތީ ކަމަށެވެ. ނަޝްވިދާޅުވި ގޮތުގައި އަދީބުގެ ކިޑްނީގައި ހުރި ހިލަ މިހާރު ހުރީ ޔުރެތްރާ ކައިރިގަ އެވެ. އޭގެސަބަބުން އަދީބަށް ވަރަށް ވޭން އަޅަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިއްޔެ ހަވީރުން ފެށިގެން މިހާތަނަށް އަދީބަށް ފަސް ފަހަރު ތަދުކަނޑުވާ އިންޖެކްޝަން ދީފައިވާ ކަމަށެވެ. އަދި ކޮންޓްރާސްޓް ސީޓީ ސްކޭނެއް ހެދުމަށް ހަތަރު ފްލުއިޑް އިންޖެކްޝަން ވެސް ޖަހާފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ ޖަލުގައި ހުއްޓާ އަދީބްގެ ބަނޑުގައި ރިހެންފެށުމުން އެއީ ފޭކެއް ނޫންކަން ފުލުހުންގެ އިސް ފަރާތްތަކަށް ސާބިތުކޮށްދިނުމަށް ވެސް ދެގަޑި އިރު މަސައްކަތްކުރަން އަދީބަށް ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ފަހުން މާލެ ގެންނަން ނިންމީ ދޫނިދޫގައި ހުންނަ ކްލިނިކްގެ ޑޮކްޓަރު އެތަނުން އަދީބަށް ދޭނެ ފަރުވާއެއް ނެތްކަމަށާއި އަދީބުގެ ހާލަތުގެ ޒިންމާ އިތުރަށް ނުނެގޭނެ ކަމަށް ބުނެ ސިޓީއެއް ހުށަހެޅުމުން ކަމަށް ވެސް ނަޝްވާ ވިދާޅުވި އެވެ. .

ނަޝްވާ ވިދާޅުވި ގޮތުގައި އަދީބަށް ވުމުން ވެސް އޭނާ ބަލިކަމަށް ގަބޫލުކުރަން ބައެއް ފަރާތްތަކުން ގަބޫލުކުރަން ބޭނުން ނުވާކަމަށެވެ.

ބޮޑެތި ކުށްތަކެއް ސާބިތުވެ، 33 އަހަރަށް ޖަލަށް ލާފައިވާ އަދީބަށް ކިޑްނީގައި ހިލަ އުފެދި އެކަމަށް މިހާރު ފަރުވާދެމުންދާއިރު، އޭނާގެ ހަށިގަނޑުގައި ސިސްޓެއް އުފެދި، ލޮލުގެ ފެނުމުގެ މައްސަލައެއް ވެސް ކުރިމަތިވެފައިވެ އެވެ. އެކަންކަމަށް އެކަށީގެންވާ ފަރުވާ ކުރުމަށް ފުރުސަތު ނުލިބޭ ކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ. އާއިލާއިން އެދެމުންދަނީ އަދީބު ބޭސްފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށެވެ.