ކޯޓެއްގެ ފަނޑިޔާރުގެ ބެންޗަށް އަރާ، ހުރުމަތް ކެނޑޭ ގޮތަށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާއެކު ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ފޮޓޯތަކަކީ ޖުވެނައިލް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ތެރޭގެ ފޮޓޯއެކެވެ. އެ ފޮޓޯތައް ނަގާފައިވާ ތިން ޒުވާނުންނަކީ އެ ކޯޓަށް ހެކި ބަސް ނެގުމަށް ގެންދިޔަ ދެ ޒުވާނުންނެވެ.
އެ ތިން ޒުވާނުން ވަނީ ފަނޑިޔާރުގެ ބެންޗަށް އަރައި ފަނޑިޔާރުގެ ގޮނޑިކޮޅުގައި އިށީނދެ ތިބެ ފޮޓޯތައް ނަގާ އާންމުކޮށްފަ އެވެ. އާންމުކޮށް ޝަރީއަތުގެ މަޖިލީހަށް މީހުން ވައްދަނީ ފޯނު އަތުލުމަށްފަހު އެވެ. އެހެންވެ އެ ފޮޓޯތައް އެ ޒުވާނުން ނެގި ގޮތެއް ސާފެއް ނުވެ އެވެ.
މިކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވާއިރު އެއީ ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ދަނީ ބުނަމުންނެވެ. އަދި ކޯޓާއި ފުލުހުންގެ އިހުމާލުން އެފަދަ ކަމެއް ހިނގާފައިވާ ސަބަބާމެދު ވެސް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. މިކަމާ ގުޅިގެން ޖުވެނައިލް ކޯޓުގެ ބަހެއް ނުލިބެ އެވެ.
ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެކަން ތަހުގީގު ކުރުމަށް ފުލުހަށް ވަނީ ގޮވާލާފަ އެވެ.