މުހައްމަދު ނާޒިމް

އިބޫގެ ވެރިކަން ދަމަހައްޓަން ހިދުމަތްކޮށް ދޭން ތައްޔާރު: ނާޒިމް

މިއަދު ސިޔާސީ ހަޔާތް އަލުން ފެށިގެން ދިޔައީ ކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ. ނާޒިމް މިއަދު ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓުން ނާޒިމްގެ ހުކުމް ތަންފީޒޔުކުރުން ފަސްކޮށްފައިވާއިރު އޭނާ ވަނީ މިނިވަނެއްގެ ގޮތުގައި ރޭ ރާއްޖެ ވަޑައިގެންފަ އެވެ. ޖަލުގައި ތިން އަހަރު ހޭދަ ކުރެއްވި ނާޒިމް މިއަދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަށްފަހު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި ސިޔާސީ މަސައްކަތް ކުރެއްވުމަށް ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށެވެ.

"އަޅުގަނޑަށް ލިބިފަ ހުރި މައުލޫމާތާއި ތަޖުރިބާއާއެކީގަ މި ޕާޓީއަށް އަޅުގަނޑު ތެދުވެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތް ކުރާނަން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ ޕާޓީތަކުން ގުޅިގެން ސަރުކާރު ހިންގުމަށެވެ. ކުރިއަށް އޮތް ފަސް އަހަރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެރިކަމުގައި ބެހެއްޓުމަށް އޭނާއަށް އަމިއްލަ ގޮތުންނާއި ޕާޓީ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު މިހުރީ ޖުމްހޫރީ ޕާޓީއާ ގުޅިގެން މި ޕާޓީގެ އަމާޒަށް ވާސިލްވުމަށްޓަކައި ކުރެވެން ހުރި ކޮންމެ ކަމެއް ވެސް ކުރުމަށް، މި ޕާޓީއަކީ އުޖާލާ މުސްތަގުބަލެއް އޮތް ޕާޓީއެއް، އަޅުގަނޑަށް ތާއިދުކުރާ ގިނަ ބަޔަކު ވެސް މި ޕާޓީއަށް ގުޅިގެން ދާނެ، މި ޕާޓީއަކީ ކުރީގައި ކަންތައް ވެގެން ދިޔަ ގޮތާ ހިލާފަށް މި ޕާޓީއަކީ އެހެން ޕާޓީތަކުން ފަހަތުން މަސައްކަތް ކުރާ ޕާޓީއަކަށް ވެގެން ދާނެ،" ނާަޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ އިބޫގެ ސަރުކާރުގެ މިނިސްޓަރެއްގެ ގޮތުގައި ފެނިގެން ގޮސްދާނެ ކަމާމެދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ވެސް ޖަވާބު ވެސް ދެއްވާފަ އެވެ. ނާޒިމް ވިދާޅުވީ، އިބޫގެ ކެބިނެޓުން ފުރުސަތު ދިނުމަކީ އެމަނިކުފާނުގެ އަތްޕުޅު މަތީ އޮތް ކަމެއް ކަމަށެވެ. އިބޫގެ ސަރުކާރަށް ކޮންމެ ގޮތަކުން ވެސް އެހީތެރިވާން ތައްޔާރަށް ހުންނެވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މި ނުކުތީ ސިޔާސީ މަސައްކަތަށް، މި ނުކުތީ ރައްޔިތުންގެ ހިދުމަތަށް، އަޅުގަނޑުގެ ހިދުމަތް ލިބިގެން ދާނެ ޖުމްހޫރީ ޕާޓީގެ ލިޑަޝިޕުން ބުނި ކޮންމެ ދިމާލަކުން ވެސް،" ނާޒިމް ވިދާޅުވި އެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް އިބޫ މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ޕާޓީތަކަށް މިނިސްޓްރީތައް ކަނޑައެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި ނަމަވެސް އަދި މިނިސްޓްރީތަކުގެ އަދަދު ފައިނަލް ނުކުރެވޭ ކަމަށެވެ. އިބޫގެ ކެބިނެޓަށް ޖުމްހޫރީ ޕާޓީއިން ކަނޑައަޅާ ބޭފުޅުންގެ ތެރޭގައި ނާޒިމް ނުހިމެނެންވީ ސަބަބެއް ނުވިސްނޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ނާޒިމް މިހާތަނަށް ދައްކަވާފައިވާ ސާބިތުކަމާއި ޕާފޯމެންސަށް ބަލާ ކަމަށްވާނަމަ އެއީ އެންމެ ގާބިލް އެއް ބޭފުޅާ އަޅުގަނޑުމެންގެ ތެރެއިން، އެހެންނަމަވެސް އެކަން ނިންމާނީ، އެފަދަ ވާހަކައެއް އެމަނިކުފާނު ވެސް އަދި އަޅުގަނޑު ގާތު ވިދާޅުވެފައެއް ނެތް،" ގާސިމް ވިދާޅުވި އެވެ.

އިބޫގެ ކެބިނެޓް ވަނީ ކޯލިޝަން ހަތަރު ޕާޓީގެ މެދުގައި ބަހާލާފަ އެވެ. އެމްޑީޕީއަށް ކެބިނެޓްގެ 40 ޕަސެންޓް ދޭން ނިންމާފައިވާއިރު ޖުމްހޫރީ ޕާޓީއަށް ދެނީ 25 ޕަސެންޓެވެ. ކެބިނެޓްގެ 20 ޕަސެންޓް ރައީސް މައުމޫންއަށް އޮތްއިރު އަދާލަތު ޕާޓީއަށް އޮތީ 15 ޕަސެންޓެވެ. ކެބިނެޓްގައި ހިމަނަން ޕާޓީތަކުން ބޭނުންވާ ނަންތައް ފޮނުވުމަށް އިބޫ އެދިވަޑައިގެންފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.