ޖުމްހޫރީ ޕާޓީއާ މިއަދު ގުޅިވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ. ގާސިމް ވިދާޅުވީ ކެބިނެޓް މިނިސްޓަރަކަށް ނާޒިމަށްވުރެ ގާބިލް ބޭފުޅެއް ނެތް ކަމަށެވެ.
ޖުމްހޫރީ ޕާޓީއާ މިއަދު ނާޒިމް ގުޅިވަޑައިގެންނެވުމުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ސަރުކާރުގެ މިނިސްޓަރެއްގެ ގޮތުގައި ފެނިގެން ގޮސްދާނެތޯ ނޫސްވެރިޔަކު ވަނީ ސުވާކޮށްފަ އެވެ. ޖަވާބުގައި ނާޒިމް ވިދާޅުވީ، އިބޫގެ ކެބިނެޓުން ފުރުސަތު ދިނުމަކީ އެމަނިކުފާނުގެ އަތްޕުޅު މަތީ އޮތް ކަމެއް ކަމަށެވެ. އިބޫގެ ސަރުކާރަށް ކޮންމެ ގޮތަކުން ވެސް އެހީތެރިވާން ތައްޔާރަށް ހުންނެވި ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މި ނުކުތީ ސިޔާސީ މަސައްކަތަށް، މި ނުކުތީ ރައްޔިތުންގެ ހިދުމަތަށް، އަޅުގަނޑުގެ ހިދުމަތް ލިބިގެން ދާނެ ޖުމްހޫރީ ޕާޓީގެ ލިޑަޝިޕުން ބުނި ކޮންމެ ދިމާލަކުން ވެސް،" ނާޒިމް ވިދާޅުވި އެވެ.
އެ ސުވާލާ ގުޅިގެން ގާސިމް އިބްރާހިމް ވިދާޅުވީ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް އިބޫ މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ޕާޓީތަކަށް މިނިސްޓްރީތައް ކަނޑައެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި ނަމަވެސް އަދި މިނިސްޓްރީތަކުގެ އަދަދު ފައިނަލް ނުކުރެވޭ ކަމަށެވެ. އިބޫގެ ކެބިނެޓަށް ޖުމްހޫރީ ޕާޓީއިން ކަނޑައަޅާ ބޭފުޅުންގެ ތެރޭގައި ނާޒިމް ނުހިމެނެންވީ ސަބަބެއް ނުވިސްނޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ނާޒިމް މިހާތަނަށް ދައްކަވާފައިވާ ސާބިތުކަމާއި ޕާފޯމެންސަށް ބަލާ ކަމަށްވާނަމަ އެއީ އެންމެ ގާބިލް އެއް ބޭފުޅާ އަޅުގަނޑުމެންގެ ތެރެއިން، އެހެންނަމަވެސް އެކަން ނިންމާނީ، އެފަދަ ވާހަކައެއް އެމަނިކުފާނު ވެސް އަދި އަޅުގަނޑު ގާތު ވިދާޅުވެފައެއް ނެތް،" ގާސިމް ވިދާޅުވި އެވެ.
އިބޫގެ ކެބިނެޓް ވަނީ ކޯލިޝަން ހަތަރު ޕާޓީގެ މެދުގައި ބަހާލާފަ އެވެ. އެމްޑީޕީއަށް ކެބިނެޓްގެ 40 ޕަސެންޓް ދޭން ނިންމާފައިވާއިރު ޖުމްހޫރީ ޕާޓީއަށް ދެނީ 25 ޕަސެންޓެވެ. ކެބިނެޓްގެ 20 ޕަސެންޓް ރައީސް މައުމޫންއަށް އޮތްއިރު އަދާލަތު ޕާޓީއަށް އޮތީ 15 ޕަސެންޓެވެ. ކެބިނެޓްގައި ހިމަނަން ޕާޓީތަކުން ބޭނުންވާ ނަންތައް ފޮނުވުމަށް އިބޫ އެދިވަޑައިގެންފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި މިނިސްޓްރީތަކުގެ އަދަދު އިތުރުވެގެން ދިޔަ ނަމަވެސް އިބޫގެ ވިސްނުން ހުރީ ސިޔާސީ މަގާމުތައް މަދުކުރުމަށް ކަމަށެވެ. އެކަމަށް ކުރައްވާ ހޭދަ އިބޫ ކުޑަ ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ކެބިނެޓާ ގުޅޭ ކަންކަން އެއްކޮށް ފައިނަލްވެގެން ދާނީ މި މަހުގެ 14 ވަނަ ދުވަހު ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖެ ވަޑައިގެންނެވުމުން ބާއްވާ ބައްދަލުވުމަށްފަހު ކަމަށް ގާސިމް ވިދާޅުވި އެވެ.